23 Mar 2015, 20:02
އެމްޑީޕީގެ މުޒާހަރާގެ ތެރެއަށް ގްރޫޕްތަކުން ވަދެ ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދޭ މައްސަލަ ހައްލުކުރުމަށް ފުލުހުންނާ އެކު ބައްދަލުވުމެއް ބޭއްވުމުން އެމްޑީޕީން އެ ބައްދަލުވުން ދޫކޮށް ގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އެމްޑީޕީން ހުށަހެޅި އެ މައްސަލަ ބަލައި އެކަމުގައި ހައްލެއް ހޯދުމަށް ފުލުހުންނާއި އެމްޑީޕީ ބައިވެރިކޮށްގެން ބައްދަލުވުމެއް ކުރިއަށްގެންދަނިކޮށް އިތުރު ފުރުސަތެއް ނުދެއްވައި އެ ޕާޓީގެ އޮފިޝަލުން ބައްދަލުވުން ދޫކުރައްވައި ނުކުމެވަޑައިގެންފައިވާ ކަމަށެވެ.
އެ ބަޔާނުގައި ވަނީ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކާއި އަދި އެ ނޫންވެސް ކަންތައްތައް އެ ކޮމިޝަނުން "ރާވަނީ" ވާހަކަދައްކައިގެން ސުލްހަވެރިކަމާ އެކު އެކަމުގެ ހައްލު ހޯދުމަށް މަސައްކަތް ކުރުމަށް ކަމަށެވެ. އެހެންނަމަވެސް އެ އުސޫލާ ޚިލާފަށް އެމްޑީޕީން އަމަލުކޮށްފައިވާތީ އެ ކޮމިޝަނުން އެކަމާ ހިތާމަކުރާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.