23 Mar 2015, 18:45

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައި ފާސްކުރުމުގެ ހަތަރު ދުވަސް ކުރިން ސްވޮޓް ޓީމު ތައްޔާރު ކުރުމަށް ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ހަސަން ހަބީބު ވިދާޅުވެފައި ވާކަމަށް ނާޒިމްގެ ފަރާތުން މިއަދު ހެކިބަސް ދީފި އެވެ.
ކްރިމިނަލް ކޯޓްގައި މިއަދު ހަވީރު 4:00 އިން ފެށިގެން ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ނާޒިމްގެ ފަރާތުން ހުށަހެޅި ހެއްކެއްގެ ގޮތުގައި ހެކިބަސް ދެއްވަމުން، ފުލުހުންގެ އެސްއޯގެ ހުރިހާ ކަމެއް ބެލެހެއްޓުމާ މިވަގުތު ހަވާލުވެހުންނެވި ހުސައިން އާދަމް ވިދާޅުވީ، ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ގެ އެޕާޓުމެންޓު ބަލާ ފާސްކުރުމުގެ ހަތަރު ދުވަސް ކުރަން ސްވޮޓް ޓީމު ތައްޔާރު ކުރުމަށް ވިދާޅުވެފައި ވާކަމަށާއި، އަދި އެގޮތަށް އޭނާ އަމަލުކުރެއްވި ކަމަށެވެ. ނަމަވެސް އެއީ ކޮންކަމަކަށް ކަމެއް އޭނާއަށް މައުލޫމާތު ދީފައި ނުވާ ކަމަށްވެސް ހުސައިން އާދަމް ވިދާޅުވި އެވެ.
ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓް ބަލައި ފާސްކުރި ރޭ ސްވޮޓް ޓީމު "ހާއްސަ އޮޕަރޭޝަނަކަށް" ތައްޔާރު ކުރުމަށް ޑީސީޕީ އެންގި ކަމަށް ވިދާޅުވެ ހުސައިން އާދަމް ވިދާޅުވީ، ހަމަ އެރޭ ސްވޮޓް ޓީމުގެ ކޮމާންޑަރާއި ބައްދަލުކުރެއްވުމަށް ސީޕީ އެދިވަޑައިގެންނެވި ކަމަށެވެ. އަދި " ހާއްސަ ތަނެއް ޗެކް ކުރަން ހާއްސަ ތަހުގީގަކަށް" ޑީސީޕީ ވިދާޅުވި ފަހުން، ކަން ހިނގާ ދިޔަގޮތް ނޭންގޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސްވޮޓް ޓީމެއް ހާއްސަ އޮޕަރޭޝަނަކަށް ތައްޔާރު ކުރާއިރު ހުސައިން އާދަމަށް އެނގެން ޖެހޭނެތޯ ނާޒިމްގެ ވަކީލުން ސުވާލު ކުރެއްވުމުން އޭނާ ވިދާޅުވީ އެގެން ޖެހޭނެ ކަމަށާއި، އޮޕަރޭޝަނަށް ފަހު ފުލުހުންގު އިސްވެރިންގެ ބައްދަލުވުމެއްގައި އޭނާއަށް އެކަން ނޭންގީ ކީއްވެތޯ ސުވާލު ކުރެއްވި ކަމަށެވެ. އަދި ޖަވާބު ލިބުނީ، މާ އެދެވޭ ގޮތަކަށް ނޫން ކަމަށް ހުސައިން އާދަމް ވަނީ ވިދާޅުވެފަ އެވެ.
ހުސައިން އާދަމް ވިދާޅުވީ ސްވޮޓް ޓީމު ހާއްސަ އޮޕަރޭޝަންތަކަށް ތައްޔާރު ކުރުމުގެ ބާރު ސީޕީއަށް ލިބިގެންވާ ކަމަށާއި، އެހެންނަމަވެސް އެސްއޯ ފުލުހުންނާއި ހަވާލުވެ ހުރި މީހެއްގެ ހައިސިއްޔަތުން އޭނާއަށް ހިންގާ އޮޕަރޭޝަނާއި ބެހޭ މައުލޫމާތު އެނގެން ޖެހޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ނާޒިމްގެ ފަރާތުން ހުށަހެޅި އިތުރު ހެއްކެއްގެ ގޮތުގައި މިއަދުގެ ޝަރީއަތަށް ހާޒިރު ކުރެވުނު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަދި ނާޒިމްގެ މައްސަލަ ތަހުގީގު ކުރާ ޓީމުގެ ވެރިޔާ އަބްދުﷲ ޝަތީހު ވިދާޅުވީ ނާޒިމްގެ އެޕާޓުމަންޓު ބަލައި ފާސްކުރެވުނީ ފުލުހުންނަށް ލިބުނު ސިއްރު މައުލޫމާތަކަށް ބިނާކޮށް ކަމަށާއި، އެއީ ސައްހަ މައުލޫމާތެއް ކަމަށް ނިންމީ މައުލޫމާތު ދެއްވި ފަރާތުގެ ކްރެޑިބިލިޓީއަށް ބަލާފައި ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ، ނާޒިމްގެ ފޯނުން ފުލުހުންގެ ތަހުގީގާއި ގުޅުން ހުރި އެއްވެސް މައުލޫމާތެއް ލިބިފައިވޭތޯ ނާޒިމްގެ ވަކީލުން ސުވާލުކުރުމުން ޝަތީހު ވިދާޅުވީ " މައްސަލަ އާއި ގުޅުން ހުރި ކަމެއް ނާޒިމްގެ ފޯނުން ފާހަގަ ކުރެވިފަ އެެއް ނުވޭ" ކަމަށެވެ.
ނާޒިމްގެ ވަކީލުން ވިދާޅުވީ ނާޒިމްގެ ފޯނަށް ތަފާތު އެކި ފަރާތްތަކުން އެކިއެކި މެސެޖްތަށް ކޮށްފައިވާ ކަމަށާއި، އޭގެތެރޭގައި " ފޯނަށް ޖަވާބު ނުދެއްވީމަ އޭ ތިހެންވީ" ބުނެ މެސެޖެއް ލިބިފައިވާ ކަމަށެވެ.
މިއަދު ކުރިއަށް ދިޔަ ޝަރިއަތުގެ މަޖިލީހަށް ހެއްކެއްގެ ގޮތުގައި ހާޒިރު ކުރެވުނު ސުޕްރިންޓެންޑެންޓް އަބްދުލް މަންނާނު ޔޫސުފާއި ނާޒިމް ފްރޭމް ކުރެވިފައިވާ ކަމަށް ބުނެ ލިބިފައިވާ މައުލޫމާތާއި ގުޅޭގޮތުން ނާޒިމްގެ ވަކީލުން ސުވާލު ކުރައްވަން ފެއްޓެވުމުން ފަނޑިޔާރުން ވަނީ ނާޒިމްގެ ވަކީލުން ހުއްޓުވާފަ އެވެ.
ފަނޑިޔާރުން ވިދާޅުވީ ހެކިވެރިޔާ ހާޒިރު ކުރެވުނު މައުލޫއިން ބޭރުން ސުވާލު ނުކުރެވޭނެ ކަމަށެވެ. އެކަމާ ގުޅިގެން ނާޒިމްގެ ވަކީލުން ވިދާޅުވީ ދެން މަންނާނު އާއި ކުރާނެ އިތުރު ސުވާލެއް ނެތް ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ އަޑުއެހުން ނިންމާލަމުން ފަނޑިޔާރުން ވިދާޅުވީ، ނާޒިމްގެ ވަކީލުން އިތުރަށް ހުށަހެޅި އެއްވެސް ހެއްކެއްގެ ހެކިބަސް ނުނެގުމަށް ނިންމާފައިވާ ކަމަށާއި، އެގޮތަށް ނިންމީ ހުށަހަޅާފައިވާ ހެކިންނަކީ މައުލޫއިން ބޭރުން ހުށަހަޅާފައިވާ ހެކިން ކަމަށް ޝަރީއަތަށް ގަބޫލުފުޅު ކުރެވޭތީ ކަމަށެވެ.
ނާޒިމްގެ ވަކީލުން ކުރިން އެދި ވަޑައިގެންނެވީ ޗެއިން އޮފް ކަސްޓޮޑީގެ ފޮޓޯ އަދި ނާޒިމްގެ އެޕާޓްމެންޓް ބަލައި ފާސްކުރެވުނު ރޭ ފުލުހުން ނަގާފައިވާ ފޮޓޯގެ ސޮފްޓް ކޮޕީ ބޭނުންވާ ކަމަށެވެ. ޗެއިން އޮފް ކަސްޓަޑީގެ ފޮޓޯ ދެން އޮއްނަ ޝަރީއަތުގެ މަޖިލީހުގައި ނާޒިމްގެ ވަކީލުންނަށް އަރުވާނެ ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ. އަދި އެކަމާއި ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތުވެސް ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ފޮޓޯތަކުގެ ސޮފްޓް ކޮޕީ ދެވެން ނެތް ކަމަށް ފަނޑިޔާރުން ވަނީ ވިދާޅުވެފަ އެވެ.
ބުދަ ދުވަހު ބޭއްވުމަށް ތާވަލު ކުރެވުނު ޝަރީއަތުގެ މަޖިލީހުގައި ހުލާސާ ބަޔާން އިއްވުން ކުރިއަށް ދާނެ ކަމަށް ފަނޑިޔާރުން މިއަދު ވިދާޅުވި އެވެ.