ރާއްޖޭގެ ރަށްތަކުގެ ހޮސްޕިޓަލުތަކުގެ އާބާތުރަ ފިލުވުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލު މަރާމާތު ކުރުމަށް އަމިއްލަ ފަރާތެއް ކަމަށްވާ ސަމާލު ކޮންސްޓްރަކްޝަނާ ހަވާލު ކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވިލިނގިލީ އަތޮޅު ހޮސްޕިޓަލު މަރާމާތުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަހުމަދު ޒުހޫރެވެ. އަދި ސަމާލު ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ބުޝްރީ މުހައްމަދެވެ.

ވިލިނގިލީ އަތޮޅު ހޮސްޕިޓަލު މަރާމާތުގެ މަސައްކަތް ނިންމުމަށް ސަމާލު ކޮންސްޓްރަކްޝަނަށް ވަނީ 150 ދީފައެވެ. ޖުމްލަ 1،473،692.85 ދިވެހި ރުފިޔާ، އެ ހޮސްޕިޓަލުގެ މަރާމާތަށް ހަރަދުވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ވިލިނގިލީ ހޮސްޕިޓަލްގެ ދޮރާއި ދޮރުފަތް ބަދަލު ކުރާނެ އެވެ. އަދި އިމާރާތުގެ އަސްކަނި ސީލިންގު އަދި ނަލަފިލާ މަރާމާތު ކުރުމަށް ހަމަޖެހިފައި ވާއިރު އިމާރާތުގެ ދިޔަދޮވިތައް ވެސް މަރާމާތު ކުރާނެއެވެ. މީގެ އިތުރުން އިމާރާތުގެ ފާހާނާއާއި ކަރަންޓު ވިއުގަވެސް އެ ޕްރޮޖެކްޓްގެ ދަށުން މަރާމާތު ކުރާނެ އެވެ.

ހޮސްޕިޓަލްތައް މަރާމާތު ކުރުމުގެ އިތުރުން ސީ އެމްބިއުލެންސްގެ ހިދުމަތްތައް ފުޅާކުރަމުން އަންނަ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން އަންނަ ހަފްތާގެ ތެރޭގައި އއ. އަތޮޅާއި އދ. އަތޮޅުގައި ސީއެމްބިއުލެންސްގެ ހިދުމަތް ދޭން ފަށާނެ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.