ކްރިކެޓް ވޯލްޑް ކަޕުގައި މިއަދު ކެނެޑާއާ ދެކޮޅަށް ކުޅޭ މެޗަކީ މޮޅުވާން ފަސޭހަ މެޗެއްގެ ގޮތުގައި ކުޅުންތެރިން ވިސްނައިފިނަމަ މެޗުން ބަލިވެދާނެ ކަމަށް ސްރީލަންކާގެ ކެޕްޓަން ކުމާރު ސަގައްކަރަ ބުނެފި އެވެ.

މުބާރާތަށް މުޅިން އަލަށް ހެދި ހަމްބަންޓޯޓާ ސްޓޭޑިއަމުގައި މިއަދު ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ސަގައްކަރަ ބުނީ މުބާރާތް ފެށިއިރު ހުރިހާ ޓީމުތަކުން ވެސް ވަނީ ކުރިއެރުންތަކެއް ހޯދައިފައި ކަމަށެވެ.

"ބަލާބަލަ އެ މީހުން މުބާރާތަށް ތައްޔާރުވާން އިންގްލޭންޑާ އެކު ކުޅުނު މެޗު. އެ މެޗުން އެ މީހުން ބަލިވ އެންމެ 16 ލަނޑުން. އަހަރުމެން އެބަޖެހޭ ކޮންމެ ޓީމަކާ ދެކޮޅަށް ވެސް މޮޅަށް ކުޅެން. އެއއިރުން އަހަރުމެން މޮޅުވާނީ،" 1996 ވަނަ އަހަރު ކްރިކެޓް ވޯލްޑަ ކަޕް ކާމިޔާބު ކުރި ލަންކާގެ މިހާރުގެ ކެޕްޓަން ބުންޏެވެ.

ސަގައްކަރަ ބުނީ ކެނެޑާ އަކީ މުބާރާތުގައި ހައިރާން ކުރުވަނިވި ނަތީޖާއެއް ނެރެފާނެ ޓީމެއް ކަމަށާއި އަދި ޕާކިސްތާނާއި އޮސްޓްރޭލިޔާ ފަދަ ގަދަ ބާރުތަކާ ދެކޮޅަށް ކުޅުމުގެ ކުރިން ލަންކާއިން ރަނގަޅު ނަތީޖާތަކެއް ހޯދަން ޖެހޭ ކަމަށެވެ.

އޭނާ އަދި ބުނީ ޓީމުގެ މެނޭޖަރު އަނޫރާ ޓެނެކޫން އާއި ބެޓްސްމަން ޗަމަރަ ސިލްވާ އަށް ލިބިފައިވާ އާއިލީ ހިތާމައިގެ އަސަރު ޓީމުން ނުފެންނާނެ ކަމަށެވެ.

ސިލްވާގެ އަންހެން ކޮއްކޮ ދާދި ފަހުން ނިޔާވެފައިވާއިރު އަނޫރާގެ ބައްޕަ ވަނީ ގެއްލިފަ އެވެ.
"އެ ދެމީހުންނަށް ލިބިފައިވާ ހިތާމައިގައި އަހަރުމެން ބައިވެރިވަން. އެކަމަކު ޓީމުގެ ކުޅުމަކުން އެކަމެއް ނުފެންނާނެ. އަހަރުމެން މިހާރު އެބަޖެހޭ މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބު ކުރަން. ތަށި ހޯދަން ކުޅޭއިރު ފެށުން ރަނގަޅު ކުރުން ވަރަށް މުހިންމު،" ސަގައްކަރަ ބުންޏެވެ.

މުބާރާތުގައ މާދަމާ ނިއު ޒީލޭންޑާއި ކެންޔާ ވެސް ވާދަ ކުރާނެ އެވެ. މި މެޗަށް ނުކުންނައިރު ކެންޔާއިން ވަނީ އެ މީހުންނަކީ އާދައިގެ ޓީމެއްގެ ގޮތުގައި ނުނެގުމަށް އެހެން ޓީމުތަކަށް ގޮވާލައިފަ އެވެ.