23 Mar 2015, 15:37
ސިންގަޕޫރުގެ ކުރީގެ ބޮޑުވަޒީރު، ލީ ކުއަން ޔޫ އަވަހާރަވުމާ ގުޅިގެން، ސިންގަޕޫރުގެ މިހާރުގެ ބޮޑުވަޒީރު އަދި ކުރީގެ ބޮޑުވަޒީރުގެ ދަރިކަލުން ލީ ޝުއަން ލޫންގް އަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގޫއްޔޫމް ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.
ސިންގަޕޫރުގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ލީ ކުއަން ޔޫއަކީ ސިންގަޕޫރު މިހާރު މިދެކޭ ތަރައްޤީއާއި ތަހުޒީބުގެ ޙަގީގީ ބާނީކަމުގައި ސިފަކުރައްވަމުން، އެމަނިކުފާނަކީ މި ގަރުނު އުފެއްދި އެންމެ އާދަޔާ ޚިލާފު އެއް ޝަޚުސިއްޔަތުކަމަށް ވިދާޅުވެފައިވެ އެވެ. އަދި، އެމަނިކުފާނުގެ ހަނދާންތައް އަބަދަށް ދެމިހުންނާނެ ކަމުގައި ބަޔާންކުރައްވާފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖް ނިންމަވާލައްވާފައި ވަނީ، ގައުމީ ހިތާމައިގެ މިދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ސިންގަޕޫރުގެ ބޮޑުވަޒީރަށާއި އެމަނިކުފާނުގެ ޢާއިލާއަށާއި ސިންގަޕޫރުގެ ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ އިޚްލާޞްތެރި ތަޢުޒިޔާ ފޮނުއްވަމުންނެވެ.