އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅިގެން ހަނގުރާމަ ކުރި ދިވެހި ޒުވާނަކު މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މި މަހުގެ 12 ވަނަ ދުވަހު މަރުވެފައި ވަނީ ޏ. ފުވައްމުލައް ދިގުވާނޑު، އައިރީ، އަޙްމަދު މުންސިފު އެވެ. އޭނާ އިސްލާމިކް ސްޓޭޓްގެ ސަރަހައްދަށް ގޮސްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. އަދި އޭނާ އެތަނަށް ދިރިއުޅުން ބަދަލުކޮށްފައި ވަނީ އޭނާގެ އަންހެނުން މަރިޔަމް ސުމާ ވެސް ގޮވައިގެން ކަމާއި އެ މީހުން އެތަނަށް ދިޔައީ ކައިވެންޏަށް އަހަރެއް ވެސް ނުވަނީސްކަން ވަނީ އެނގިފަ އެވެ.

މުންސިފަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި އެނޫންވެސް ބައެއް ކުށްތައް ކުރަމުން ދިއުމަށް ފަހު މީގެ އަހަރެއް ހާ ދުވަސް ކުރިން އެކަންތައްތައް ހުއްޓާލައިފައިވާ މީހެއްކަން ވަނީ އެނގިފަ އެވެ. އަދި މާލެ ދޫކޮށް އޭނާގެ އުފަން ރަށް ފުވައްމުލަކަށް ބަދަލުވެ، ޒަވާޖީ ހަޔާތެއް ފެށި އެވެ.

އައިއެސްގެ ބާރުގެ ދަށުގައިވާ ސަރަހައްދަކަށް މުންސިފު އާއި އޭނާގެ އަންހެނުން ދިޔައީ ކުރިން އުޅެމުން އައި ދިރިއުޅުމާއި ދުރުގައި ރަނގަޅަށް ދިރިއުޅެވޭނެ ކަމަށް އޭނާ ގަބޫލު ކުރާ ތަނަކީ އެއީ ކަމަށް ވާތީ ކަން ވެސް ވަނީ އެނގިފައެވެ.

ސޫރިޔާއާއި އިރާގުން ބޮޑު ބައެއް ކޮންޓްރޯލް ކުރަމުން އަންނަ އައިއެސްއާ ދެކޮޅަށް ސޫރިޔާ ސަރުކާރާއި އިރާގު ސަރުކާރާއި އެމެރިކާ އާއި އެގައުމާ ގުޅިފައިވާ އިއްތިހާދަކުން ދަނީ ހަނގުރާމަކުރަމުންނެވެ. އެހެންވެ، އައިއެސްގެ ބާރުގެ ދަށުގައިވާ ގިނަ ސަރަހައްދުތަކުގައި މިހާރު ވެސް ދަނީ މެދު ނުކެނޑި ހަނގުރާމަ ހިނގަމުންނެވެ. މުންސިފު މަރުވީ ކޮން ސަރަހައްދެއްގައި ކަން އަދި ވަނީ އެނގޭ ގޮތް ނުވެފައެވެ.