އަންނަ މަހުން ފެށިގެން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެންނަ ބަދަލާ އެކު މި އަހަރު ތެރޭގައި 900 މިލިއަން ރުފިޔާ ދައުލަތަށް އިތުރަށް ލިބޭނެ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

އަލަށް އަންނަ ބަދަލާ އެކު 900 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރާ އިރު ކަސްޓަމްސްގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މި އަހަރު ރާއްޖެ އަށް އެތެރެކުރާނެ ކަމަށް ބެލެވޭ މުދަލުގެ ތެރެއިން 67 ޕަސެންޓް މުދަލުން އެކި ރޭޓްތަކުގައި އިމްޕޯޓް ޑިއުޓީ ނަގާނެ ކަމަށެވެ. ހަމަ އެއާ އެކު ރާއްޖެ އެތެރެކުރާ މުދަލުގެ 33 ޕަސެންޓުން ޑިއުޓީ ނެގޭނީ ސުން ރޭޓުން ކަމަށާއި އެބާވަތުގެ މުދަލުގެ އަގު 10 ބިލިއަނަށް އަރާ ކަމަށް ވިދާޅުވި އެވެ.

ކަސްޓަމުސް އިން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާ އިރު އަންނަ މަހުން ފެށިގެން 13 ބާވަތަކުން ޑިއުޓީއަށް ބަދަލު އާދެ އެވެ. އެގޮތުން ކުރިން 90 ލާރީގެ ޑިއުޓީއެއް ނަގަމުން އައި ސިނގިރޭޓަކުން 1.25 ރުފިޔާގެ ޑިއުޓީއެއް ނަގަން ނިންމާފައިވާ އިރު ކުރިން ސުން ރޭޓްގައި ޑިއުޓީ ނަގަމުން އައި ތެލުގެ ބާވަތްތަކުން 10 ޕަސެންޓްގެ ޑިއުޓީއެއް ނަގަން ނިންމާފައިވާ އިރު ކުރިން ޑިއުޓީ ނުނަގާ ސެންޓާއި ލަގްޒަރީ ކޮސްމެޓިކްސް އިން 20 ޕަސެންޓްގެ ޑިއުޓީއެއް ނަގާނެ އެވެ.

އެހެނިހެން ކޮސްމެޓިކްސް އިން ނަގަން ނިންމާފައި ވަނީ ފަސް ޕަސެންޓް ޑިއުޓީ އެވެ. ކުރިން 35 ޕަސެންޓްގެ ޑިއުޓީއެއް ނަގަމުން އައި ހެވީ ވެހިކަލްތަކުން 50 ޕަސެންޓުގެ ޑިއުޓީއެއް ނަގަން ނިންމާފައިވާ އިރު ފަސިންޖަރުން އުފުލާ ވެހިކަލްތަކުގެ ޑިއުޓީ 200 ޕަސެންޓަށް ބޮޑުކުރަން ވަނީ ނިންމާފަ އެވެ. އަދި ކުރިން 100 ޕަސެންޓް ޑިއުޓީ ނަގަމުން އައި ސައިކަލް ފަދަ ވެހިކަލްތަކުން 150 ޕަސެންޓުގެ ޑިއުޓީއެއް ނަގަން ވަނީ ނިންމާފަ އެވެ. އެއްގަމު ދުއްވާ އުޅަނދުފަހަރުގެ ސުޕެއާ އިން ކުރިން 35 ޕަސެންޓްގެ ޑިއުޓީއެއް ނަގާ އިރު އަލަށް ގެންނަ ބަދަލާ އެކު 50 ޕަސެންޓް ޑިއުޓީގެ ގޮތުގައި ނަގަ އެވެ. އަދި ދުންފަތުގެ އިސްތިއުލާލު ކުރުމަށް ބޭނުންކުރާ އާލާތްތަކުން 150 ޕަސެންޓުން ނަގަމުން އައި ޑިއުޓީ 200 ޕަސެންޓަށް ބޮޑުކުރަން ވަނީ ނިންމާފަ އެވެ.

އޭޕްރީލުން ފެށިގެން ޑިއުޓީ ކުޑަވާ ބާވަތްތަކަށް ބަލާ އިރު މިހާރު 25 ޕަސެންޓް ޑިއުޓީ ނަގަމުން އަންނަ ފަތުރުވެރިކަމުގެ ބޭނުމަށް ގެންނަ ކަނޑުގައި ދުއްވާ ލަގްޒަރީ އުޅަނދުފަހަރުން ޑިއުޓީ ނުނެގުމަށް ވަނީ ނިންމާފަ އެވެ.

ޑިއުޓީ ނުނެގޭ ބާވަތްތަކުގެ ތެރޭގައި އާންމުކޮށް ބޭނުންކުރާ ކާބޯތަކެއްޗާއި ސިއްހީ ފަރުވާއަށް ބޭނުންކުރާ ތަކެއްޗާއި ގެދޮރު އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގެ އިތުރުން ލިޔެކިޔުމަށް ބޭނުންކުރާ ތަކެއްޗާއި ފައިވާނާއި ބޫޓުގެ އިތުރުން ގޭތެރޭގައި ބޭނުންކުރާ އިލެޓްރިކް ސާމާނާއި ކޮމްޕިއުޓާ ފަދަ ތަކެތި ހިމެނެ އެވެ. ހަމަ އެހެންމެ ކުޅިވަރު ކުޅުމަށް ބޭނުންކުރާ ސާމާނާއި އިޔާދަކުރެވޭ ހަކަތަ އުފައްދަން ބޭނުންކުރާ ތަކެތި ހިމެނެ އެވެ.