23 Mar 2015, 14:42
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ދެ މެމްބަރުން ކަމަށްވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް މުޒާހަރާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އެކަށީގެންވާ ސަބަބުތަކެއް ހުރެގެން ކަމަށް ބުނެ އިމްތިޔާޒު ކޮމިޓީ އިން ނިންމި މައްސަލާގެ ރިޕޯޓު މަޖިލީހުން މިއަދު ބަލައިގެންފި އެވެ.
ދެ މެމްބަރުންނަށް ވަކިވަކިން މިއަދު މަޖިލީހުގައި ނެގި ވޯޓުގައި އާޒިމްގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ބަލައިގަތީ 40 މެމްބަރުންގެ ވޯޓުންނެވެ. ވަކި ފަރާތަކަށް ނުޖެހި އެއް މެމްބަރަކު ވޯޓު ދެއްވާފައިވެ އެވެ. ފައްޔާޒުގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ބަލައިގަތީ 39 މެމްބަރުންގެ ވޯޓުން ނެވެ. ވަކި ފަރާތަކަށް ނުޖެހި ދެ މެމްބަރަކު ވަނީ ވޯޓު ދެއްވާފައި އެވެ.
އިމްތިޔާޒު ކޮމިޓީން އެ ދެ މެމްބަރުންގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައި ވަނީ ފައްޔާޒއިާ އާޒިމް ހައްޔަރު ކުރީ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ އެކަށީގެންވާ ހެކިތަކެއްގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ.
އެ ދެ މެމްބަރުން ހައްޔަރުކޮށްފައި ވަނީ ސިޔާސީ މަގުސަދެއްގައި ކަމަށް ކޮމިޓީއަށް ނުފެންނަ ކަމަށް ވެސް ސަރުކާރުގެ މެޖޯރިޓީ އޮންނަ އިމްތިޔާޒު ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ބުނެފައި ވަނީ އެ ދެ މެމްބަރުން ފުލުހުންގެ ބަންދުގައި ހުރި އިރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރު ކޮށްދެއްވާފައިވާ ކަމަށެވެ.
އެ މައްސަލަ އިމްތިޔާޒު ކޮމިޓީ އިން ބެލިއިރު އާޒިމާއި ފައްޔާޒު ހައްޔަރުކުރެއްވުމާ ގުޅިގެން ފުލުހުންގެ ބަސް ވަނީ ކޮމެޓީން ހޯދާފަ އެވެ.
އާޒިމާއި ފައްޔާޒު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމާ ގުޅޭ މައްސަލަ އިމްތިޔާޒު ކޮމިޓީން ނިންމަވާފައިވާއިރު މި ދެ މެމްބަރުން ވެސް މިހާރު ވަނީ ފުލުހުންގެ ބަންދުން މިނިވަންކޮށްފަ އެވެ.
އާޒިމް ދޫކޮށްލާފައި ވަނީ 60 ދުވަސް ވަންދެން މުޒާހަތާތަކަށް ނުދިޔުމަށް ޝަރުތުކޮށެވެ. އަދި ފައްޔާޒު ދޫކޮށްލާފައި ވަނީ ފުލުހުންގެ ބަންދުގައި 15 ދުވަސް ހޭދަކުރެއްވުމަށްފަހު އެވެ.