23 Mar 2015, 14:28
މިމަހުގެ 26 ވަނަ ދުވަހު ރާއްޖޭގެ ގައުމީ ޓީމް ތަޖަކިސްތާނާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗުގައި ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)އަށް ކުޅެވުމުގެ ފުރުސަތު ބޮޑު ކަމަށް ގައުމީ ޓީމުގެ ޑޮކްޓަރު އަހުމަދު ޝަކީބު ބުނެފި އެވެ.
މިދިޔަ ހަފްތާގެ ތެރޭ ދަގަނޑޭއަށް އަނިޔާ ވެފައި ވާއިރު، މާލެއިން އޭނާއަށް ފަރުވާ ދެމުންދާ ޝަކީބު ބުނީ ދަގަނޑޭގެ އަނިޔާ ފުރަތަމަ ހީކުރި ވަރަށްވުރެ ސީރިއަސް ނޫން ކަމަށެވެ. އަދި މިރޭ އޭނޭ ގައުމީ ޓީމްގެ ތަމްރީނުތަކުގައި ބައިވެރި ވާނެ ކަމަށްވެސް ޝަކީބު ބުންޏެވެ.
"ދަގަނޑޭއަށް ކުރިމަތިވީ މައިލްޑް ހެމްސްޓްރިންގް އިންޖަރީއެއް. ފަރުވާއަށް ފަހު މިހާރު އަނިޔާގެ 80 ޕަސެންޓު ވަނީ ރަނގަޅު ވެފަ. މިރޭ ދަގަނޑޭ ޕްރެކްޓިސްތަކަށް ނިކުންނާނެ، ނަމަވެސް އަދި އޭނާ ކުރިއަށް ގެންދާނީ ލުއި ފަރިތަކުރުންތަކެއް. މިރޭ ފީލްޑަށް ނިކުމެ ޖޮގް ކޮށްލާނީ، ނަމަވެސް މާދަމާ ޓީމް ކުރާ ޕްރެކްޓިސްތަކުގައި ބައިވެރި ވެވޭނެ ކަމުގެ އުންމީދު ބޮޑު،" ޝަކީބް ބުންޏެވެ.
މެލޭޝިއާގެ ޕީޑީއާރްއެމަށް ކުޅެމުން އަންނަ ދަގަނޑޭއަށް އަނިޔާ ވެފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު މެލޭޝިއަން ސުޕަރ ލީގުގައި ޕީޑީއާރްއެމް އެންމެ ފަހުން ޕެރާކް އެފްއޭ އަތުން މޮޅުވި މެޗުގައެވެ. އޭގެ ފަހުން މެލޭޝިއަން އެފްއޭ ކަޕްގައި ޕީޑީއާރްއެމް އެ ގައުމުގެ ސިމޭ ޑާބީއާ ދެކޮޅަށް ކުޅުނު މެޗުގައި އަޝްފާގަށް ކުޅެވިފައި ނުވާއިރު، އެ މެޗުން ޕީޑީއާރްއެމް ވަނީ ބަލިވެފައެވެ.
ޕެރާކް މެޗަށް ފަހު އަނިޔާވިކަން ހާމަކުރަމުން ދަގަނޑޭ ވަނީ އަނިޔާގެ ސީރިއަސްކަން އިނގޭނީ ސްކޭން ކުރުމަށް ފަހު ކަމަށާއި، އެއީ އެހާ ބޮޑު އަނިޔާއަކަށް ނުވާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފައެވެ. ގައުމީ ޓީމް ކުޅޭ މެޗަށް މިދިޔަ ހަފްތާގެ ފަހުކޮޅު ރާއްޖެ އައި ދަގަނޑޭ މިހާރުވެސް އެފްއޭއެމްގެ ޖިމްގައި ރިހެބިލިޓޭޝަން ޕްރޮގްރާމެއްގައި ބައިވެރި ވަމުން ދާކަން ޝަކީބް ވަނީ ހާމަކޮށްފަ އެވެ.