23 Mar 2015, 14:10
މި އަހަރުގެ ސާފް ޗެންޕިއަންޝިޕް އަހަރުގެ ފަހުކޮޅު ބާއްވަން ތާވަލްކޮށްފައި ވަނިކޮށް، މުބާޜާތުގެ ހޯސްޓެއްގެ ގޮތުގައި ހަމަޖައްސާފައިވާ އިންޑިއާ އިން އެ މުބާރާތް އެ ގައުމުގައި ބެއްވޭނީ ހަމައެކަނި ޖޫން މަހު ކަމަށް ބުނެފި އެވެ.
އިންޑިއާގައި އެ މުބާރާތް ބޭއްވޭނީ ހަމައެކަނި ޖޫން މަހު ކަމަށް އެ ގައުމުގެ އެފްއޭއިން ސާފު ޗެންޕިއަންޝިޕް އިންތިޒާމު ކުރާ ފާރާތް ކަމަށްވާ ސައުތު އޭޝިއަން ފުޓްބޯލް ފެޑަރޭޝަނަށް އަންގާފައި ވަނީ އިއްޔެ އެވެ.
މީގެ ކުރިން ޑިސެމްބަރު މަހުގެ ތެރޭ ސާފް ޗެންޕިއަންޝިޕް ބާއްވަން ތާވަލުކޮށްފައިވާ އިރު، އިންޑިއާ އިން ވަނީ އެ ތާރީހަކީ އެ ގައުމުގެ ގައުމީ ޓީމުގެ ތާވަލަށް ވަރަށް ބުރަވާނެ ދުވަސްކޮޅެއް ކަމަށް ބުނެ، ޑިސެމްބަރުގައި އެ ގައުމުގައި ސާފް ޗެންޕިއަންޝިޕް ނުބޭއްވޭނެ ކަމަށް ބުނެފަ އެވެ.
ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތައް ވެސް ޖޫން މަހަށް ތާވަލް ކޮށްފައިވާ އިރު، ޖޫންގައި ސާފް ޗެންޕިއަންޝިޕް ބޭއްވޭނީ ހަމައެކަނި އެ މަހުގެ ފަހު ދެ ހަފްތާގަ އެވެ. އޭގެ އިތުރުން، ޖޫން މަސް މި އަހަރުގެ ރަމަޞާން މަހާ ދިމާވުމުން، ސާފު ސަރަހައްދުގައި ހިމެނޭ މުސްލިމް ގައުމުތައް ކަމަށްވާ ރާއްޖެ އާއި ބަންގްލަދޭޝް، އަފްގާނިސްތާން އަދި ޕާކިސްތާނަށް ވެސް އެ ތާރީހު ވެގެން ދާނީ ވަރަށް އުނދަގޫ ތާރީހަކަށެވެ.
ސާފް ޗެންޕިއަންޝިޕް އެންމެ ފަހުން ބާއްވާފައި ވަނީ 2013 ވަނަ އަހަރު ނޭޕާލްގަ އެވެ. އަދި އޭގެ ކުރިން 2011 ވަނަ އަހަރު އެ މުބާރާތް ބޭއްވީ އިންޑިއާގަ އެވެ.