23 Mar 2015, 13:26
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގަވާއިދާ ހިލާފަށް ހައްޔަރު ކުރި މައްސަލާގައި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލު ޒިންމާ ވާން ޖެހޭނެ ކަމަށް ބުނެ، ކުރީގެ ކޯސްޓްގާޑުގެ ކޮމާންޑަރު އަދި މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމު ވިދާޅުވި ވިދާޅުވުން އަނބުރާ ގެންދަވައިފި އެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ ޒިންމާ މޫސާ އަލީ ޖަލީލު ނަންގަވަން ޖެހޭނެ ކަމަށް ޝީޔާމް ވިދާޅުވެފައި ވަނީ އެޗްއާރުސީއެމަށް ފޮނުވި ސިޓީއެއްގަ އެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ޖަލީލުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑު އެހުމަށް ދައުލަތުން ހުށަހެޅުއްވި ހެއްކެއްގެ ގޮތުގައި ހެކިބަސް ދެއްވަމުން ޝިޔާމު ވިދާޅުވީ އެޗްއާރުސީއެމަށް ފޮނުވި ސިޓީގައި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ޖަލީލު ޒިންމާވާން ޖެހޭނެ ކަމަށް ބުނެފައި އެވަނީ އެއީ އެކަން ހިނގަން ޖެހޭ އުސޫލު ކަމަށް ވާތީ ކަމަށެވެ. ނަމަވެސް ފަހުން ބަލާލުމުން "ޕްރޮޕާ ޕްރޮސީޖާއެއް ނޫންކަން ދިޔައީ" އެނގޭ ކަމަށް ޝިޔާމު ވިދާޅުވި އެވެ.
އޭރު ކޯސްޓްގާޑްގެ ކޮމާންޑަރަކަށް ހުންނެވި ޝިޔާމް މިއަދު އެގޮތަށް ވިދާޅުވި ނަމަވެސް އޭރުގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ޝަހީރު ކުރިން ކޯޓުގައި ވިދާޅުވެފައި ވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރި އޮޕަރޭޝަންގެ އެލާޓް ސްޓޭޓަސް ބަދަލުކުރަން ޖަލީލު ލަފައަށް އެދުނު ކަމަށެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދެއްވަމުން ޝިޔާމު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރަން ބޭއްވި އެއްވެސް ބައްދަލުވުމެއްގައި ޖަލީލު ބައިވެރިވެޑައިގެންކަން އޭނާ އަށް އެނގިފައި ނުވާ ކަމަށެވެ. އަދި އާންމު އުސޫލެއްގެ ދަށުން މީހުން ހައްޔަރުކުރުމަށް ބޭއްވޭ ބައްދަލުވުންތަކުގައި ޗީފް އޮފް ޑިފެންސް ޗެއާ ކުރެއްވި ނަމަވެސް އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ޖަލީލު ޗެއާ ކުރެވިކަން އެނގިވަޑައި ނުގަންނަވާ ކަމަށް ޝިޔާމު ވިދާޅުވި އެވެ.
ދައުލަތުން މޫސާ ޖަލީލާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުން މިއަދު ނިފައިވާ އިރު ޖަލީލުގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނުނެގުމަށް ފަޑިޔާރުންގެ ބެންޗުން މިއަދު ވަނީ ނިންމާފަ އެވެ. އަދި ޖަލީލުގެ މައްސަލާގައި ހުލާސާ ބަޔާން އިއްވުމަށް މާދަމާ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ވެސް ފަނޑިޔާރުން ވަނީ ވިދާޅުވެފަ އެވެ.
މޫސާ ޖަލީލުގެ އިތުރުން އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ އަޑުއެހުން ވެސް މިއަދު ވަނީ ބާއްވާފަ އެވެ. ތޮލްހަތާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެއްކެއްގެ ގޮތުން ހެކިބަސް ދެއްވަމުން ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް އަތީފް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް އެއްވެސް ބައްދަލުވުމެއް ބޭވިކަން އޭނާއަށް ނޭނގޭ ކަމަށާއި ގާޒީ ހައްޔަރު ކުރިކަން އެނގުނީ ވެސް ހައްޔަރު ކުރި ފަހުން ކަމަށެވެ.