މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތް ހަލުވިކޮށް ފުޅާ ކުރުމުގެ ގޮތުން އެކުލަވާފައިވާ ޑޯގް ސްކޮޑު(ފާރަގެމަ)ގެ ބައެއް ކުއްތާތައް މިރޭ ރާއްޖެ ގެންނާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިރޭގެ ވަގުތެއްގައި ރާއްޖެ ގެނައުމަށް ހަމަޖެހިފައި ވަނީ ފަސް ކުއްތާ ކަމަށެވެ. ފާރަގެމަ ސްކޮޑުގައި ހިމެނެނީ ޖުމްލަ 16 ކުއްތާ އެވެ. އެ ހުރިހާ ކުއްތާއެއް މިމަހުގެ 27 ގެ ކުރިން ގެންނާނެ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ކުއްތާތަކަށް ހާއްސަކޮށްގެން ހުޅުލޭގައި ތައްޔާރުކޮށްފައިވާ ޑޯގު ކެނަލްގެ މަސައްކަތްތައް މިހާރު ވަނީ ނިމިފަ އެވެ. ކުއްތާތަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ގެތަކުގައި ކޮންމެ ކުއްތާއަކަށް ހާއްސަކޮޓަރިއަކާއި ކޮންމެ ކޮޓަރިއެއްގައި ފަންކާއެއް ހަރުކޮށްފައި ހުއްޓެވެ. އަދި އޭގެ އިތުރުން ކުއްތާތައް ފެންވެރުމަށް ހާއްސަކޮށް ބާތުޓަބެއް ވަނީ ތައްޔާރުކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ފުލުހުންގެ ތެރެއިން ކުއްތާތައް ބެލެހެއްޓުމަށް ހާއްސަކޮށް 28 ފުލުހަކު ނަގާފައިވާ ކަމަށެވެ. އަދި ކުއްތާ ބެލެހެއްޓުމުގެ ތަމްރީނު ލިބިފައިވާ ދެ މީހަކު މިހާރު ވެސް ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށް ފުލުހުން ބުނެ އެވެ.

އަލަށް އުފަންކޮށްފައިވާ 16 ކުއްތާ ރާއްޖެ ގެންނަނީ ނެދަލެންޑްގެ ކުންފުންޏަކާ ގުޅިގެންނެވެ. ކުއްތާ ގަތުމަށް ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ހޯމް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.