23 Mar 2015, 12:39
އިދިކޮޅު އެމްޑީޕީގެ ލީޑާޝިޕުގައި މަސައްކަތް ކުރާ ފަރާތްތަކުން ބޭނުން ވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް މަތި މައްޗަށް ހުކުމް އަންނަން ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ދ. އަތޮޅު ކައުންސިލާއި ހއ. މުރައިދޫ ކައުންސިލްގެ ބައި އިލެކްޝަން ސަރުކާރު ކޯލިޝަނުން ކާމިޔާބު ކުރުމުން އެކަމުގެ އުފަލުގައި ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އައުމުން އެމްޑީޕީގެ ލީޑާޝިޕުގެ ތެރޭގައި އުފާ ފާޅުކުރި ކަމަށެވެ. އަދި އެއީ ހިތާމަ ހުރި ކަމެއް ކަމަށް އަދީބު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވިއްޔާ ދިވެހި ރާއްޖޭގެ ރައީސަކު މިކަހަލަ ބޮޑު ހުކުމެއް އައިމާ އަޅުގަނޑުމެންގެ ހަވާ އެރުވުމާއި ޖަލްސާތަކާ ކަންތައް މަޑު ޖައްސަލައި މިހިސާބަށް ވެސް ކެތް ކޮށްލިން. އެހެންނަމަވެސް އެބޭފުޅުންގެ ތެރޭގައި [އެމްޑީޕީ] މިއަދު އަޅުގަނޑުމެންނަށް ފެންނަނީ އެބޭފުޅާ އަށް [ރައީސް ނަޝީދު] ހުކުމް އައިރޭގައި ވެސް އެބޭފުޅުންގެ [އެމްޑީޕީ] މުޒާހަރާގެ ފްރަންޓް ލައިންގެ އެއްވެސް މީހެއް ނެތްތަން. އެބޭފުޅުން ތިބީ ބޮޑު ޕާޓީއެއް ބާއްވަން ކަމަށް އަޅުގަނޑަށް ވަރަށް މުހިއްމު މަސްދަރުތަކުން އެބަ އިނގޭ. އެބޭފުޅުން ތިބީ އަތްޖަހަންކަން. މިއީ ހިތާމަ ހުރި ކަމެއް." އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ ދާދި ފަހުން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް އެމްޑީޕީ އަށް ނިސްބަތްވާ ބަޔަކު ގޮސް ރައީސް ނަޝީދުގެ މައްޗަށް އިތުރު ދައުވާތައް ނުކުރައްވަނީ ކީއްވެތޯ ސުވާލު އުފައްދާފައިވާ ކަމަށެވެ.
"އިހަކަށް ދުވަހު ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް އެތާގެ ބައެއް ކުދިންނާ ގޮސް އެމްޑީގެ ބޭފުޅުން ސުވާލު މިކުރަނީ އަދި އެންމެ ހުކުމެއް ނޫންހޭ ތިއައީ. އެންމެ ކަމަކަށް ނޫންހޭ ތިޔަ ދައުވާ ކުރަނީ. ކޮބައިހޭ ރައީސް ޔާމީން ގެންގޮސް [ހައްޔަރުކޮށް] އާރަށަށް ލީ މައްސަލަ. ކޮބައިހޭ ގާސިމް އިބްރާހިމް ގެންގޮސް [ހައްޔަރުކޮށް] ދޫނިދޫ އަށް ލީ މައްސަލަ. އަދި ހަމަ އެހެންމެ ރައްޔިތުންގެ މަޖިލީހުގައި ތަޅު އެޅުވިގެން ދިޔަ މައްސަލަ ކޮބައިހޭ، މިބޭފުޅުން އެބަރާވާ. މިބޭފުޅުން [އެމްޑީޕީ] ވިދާޅުވާ ގޮތުގައި ކޮންމެ ހުކުމަކަށް ފަނަރަ ފަނަރަ އެހެން ޖަހަމުން ގޮސް މިހާރު 13 އަހަރުން ގޮސް 60 އަހަރަށް ހަދާލަން މި ބޭފުޅުން [އެމްޑީޕީ] ރާވަމުން ދަނީ. އަޅުގަނޑު ހަމަ އެކަން ވެސް ކުށްވެރި ކުރަން."
އެމްޑީޕީ އަށް "ޑިމޮކްރަސީ ޖަލުގައި"ވީ ނަމަވެސް ޕީޕީއެމްގެ ތެރޭގައި ޑިމޮކްރަސީ އެބައޮތް ކަމަށް ވިދާޅުވެ އަދީބު ވިދާޅުވީ އެކަމުގެ ނަތީޖާއަކީ އިންތިހާބަކަށް ފަހު އިންތިހާބެއް ސަރުކާރު ކޯލިޝަނުން ކާމިޔާބު ކުރަމުން ދިޔުން ކަމަށެވެ.