23 Mar 2015, 12:18
ވޮލީބޯޅަ އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން މިހާރު ކުރިއަށް ގެންދާ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕްގައި އިއްޔެ ކުޅުނު މެޗު ކާމިޔާބުކޮށް، ޕޮލިސް ކްލަބް ގްރޫޕް އެކެއްގެ އެއްވަނަ ހޯދިއިރު، ގްރޫޕް ދެއަކުން ޔުނައިޓަޑް ސްޕޯޓްސް ކްލަބް އެ ޓީމްގެ ފުރަތަމަ ކާމިޔާބީ ހޯދައިފި އެވެ.
ވީއޭއެމް ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް އެކެއްގެ އެއްވަނަ ޕޮލިސް ކްލަބް ހޯދީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެ ޓީމް ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްގެނެވެ. އެގޮތުން ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި، އިއްޔެ ހަވީރު މުލަކު ރެކްރިއޭޝަން ކްލަބްގެ އަތުން އެ ޓީމް މޮޅުވެފައި ވަނީ ސީދާ ތިން ސެޓުންނެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗު ވެސް ސީދާ ތިން ސެޓުން ޕޮލިސް ކާމިޔާބު ކޮށްފައި ވާއިރު، އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކުޅުނު ފުރަތަމަ ދެ މެޗުގައި ވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެ ޓީމްގެ އައިޝަތު ޝައްފަ އެވެ.
އިއްޔެ ރޭ ކުޅުނު ގްރޫޕް ދެއެއްގެ މެޗުގައި، ޔުނައިޓަޑް ސްޕޯޓްސް ކްލަބް މުބާރާތުގައި އެ ޓީމްގެ ފުރަތަމަ ކާމިޔާބީ ހޯދީ ތުލުސްދޫ ޒުވާނުންގެ ރޫހާއި ވާދަކޮށް، ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެނެވެ. ނަމަވެސް ކުޅުނު ފުރަތަމަ ދެ މެޗުން އެ ޓީމް ބަލިވެފައި ވުމުން، މިޙާރު އެ ޓީމް ވަނީ މުބާރާތުން ކަޓާފައެވެ.
މުބާރާތުގެ ގްރޫޕް ދެއެއްގައި ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް، އަމިކާ ސްޕޯޓްސް ކްލަބާއި ސްޕޯޓްސް ކްލަބް ގުޑީސް ވަނީ އެ ގްރޫޕުން ސެމީގެ ދެ ޖާގަ ވެސް ކަށަވަރު ކޮށްފަ އެވެ. އެ ގްރޫޕުން އެއްވަނަ ޓީމެއްގެ ގޮތުގައި ސެމީއަށް ދަތުރުކުރާ ޓީމް އިނގޭނީ މިރޭ އެ ދެ ޓީމް ބައްދަލުކުރާ ގްރޫޕް ސްޓޭޖުގެ ފަހު މެޗު ނިމުމުންނެވެ.
ގްރޫޕް އެކެއްގެ އެއްވަނަ ޓީމެއްގެ ގޮތުގައި ޕޮލިސް މިހާރު ސެމީއަށް ދަތުރު ކޮށްފައި ވާއިރު، އެ ގްރޫޕުން ދެން ސެމީގެ ޖާގަ ހޯދާނެ ޓީމެއް އިނގޭނީ މިއަދު ހަވީރު ކުޅޭ ގްރޫޕް އެކެއްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗު ނިމުމުންނެވެ. އެ މެޗުގައި ކްލަބް ތްރީ ސްޓާ އާއި ސްޕޯޓްސް ކްލަބް ހޯކްސް ބައްދަލުކުރަން ހަމަޖެހިފައި ވާއިރު، އެ ދެ ޓީމްވެސް ވަނީ މުބާރާތުގައި މިޙާތަނަށް ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބު ކޮށްފައެވެ.