އޭއެފްސީ އަންޑާ 23 ޗެންޕިއަންޝިޕް ކޮލިފިކޭޝަންގައި މިރޭ ލެބަނަންއާ ދެކޮޅަށް ރާއްޖޭގެ ޒުވާން 23 އަހަރުން ދަށުގެ ޓީމު ނިކުންނަ އިރު، މިރޭގެ މެޗުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ބައިކޮޅަށް އަވަސް ގޯލެއް ވަނަ ނުދޭން ކަމަށް ޓީމުގެ ހެޑް ކޯޗް އައްސަދު އަބްދުލް ޣަނީ ބުނެފި އެވެ.

މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން، އައްސަދު އަބްދުލްޣަނީ ބުނީ މިރޭގެ މެޗު ފަށާނީ ޑިފެންސަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ކަމަށެވެ. އަދި މެޗު ކުރިއަށް ގެންދާނެ ގޮތެއް އެނގޭނީ މެޗު ކުރިއަށްދާ ގޮތަށް ބަލާފައި ކަމަށް އައްސަދު ބުންޏެވެ.

"މި ޓީމުގެ ކުޅުންތެރިންނަކީ ވަރަށް ހުނަރުވެރި ކުޅުންތެރިން. ނަމަވެސް ގިނަ ކުޅުންތެރިންނަކީ ވަރަށް ތަޖުރިބާ މަދު ކުޅުންތެރިންކަން އަހަރުމެން ވިސްނަން ޖެހޭ. މެޗުގެ މައިގަނޑު ޓާގެޓަކަށް ވާނީ އަވަސް ގޯލެއް އިދިކޮޅު ޓީމް ކާމިޔާބު ކުރިޔަ ނުދިނުން. އެހެން ކަމުން މެޗު ފަށާނީ ޑިފެންސަށް އިސްކަން ދީގެން. ނަމަވެސް މެޗުގެ އޮއިވަރުދާ ގޮތަށް ބަލައި ޓެކްޓިކްސް ބަދަލުކުރަން ޖެހިއްޖެއްޔާ ކުރާނަން،" އައްސަދު ބުންޏެވެ.

ޓީމާ މެދު ވާހަކަ ދައްކަމުން އައްސަދު ވަނީ ޓީމުގެ ގިނަ ކުޅުންތެރިންގެ ތަޖުރިބާ މަދު ނަމަވެސް، ބައިނަލްއަގްވާމީ ތަޖުރިބާ މީގެ ކުރިން ލިބިފައިވާ ކުޅުންތެރިން ޓީމުގައި ތިބިކަން ފާހަގަކޮށް، އެކަމުން ޓީމަށް ފައިދާ ކުރާނެކަން ފާހަގަކޮށްފަ އެވެ.

"ބައިނަލްއަގްވާމީ ތަޖުރިބާތައް މީގެ ކުރިން ކޮށްފައިވާ ކުޅުންތެރިން ޓީމުގައި އެބަ ތިބި. އެ ކުޅުންތެރިން ޓީމުގައި ތިބުމަކީ އާ ކުޅުންތެރިންނަށް ލިބިގެން ދާނެ ވަރަށް ބޮޑު ހިތްވަރެއް. އުންމީދަކީ އެ ކުޅުންތެރިންގެ ތަޖުރިބާ އިން ދަނޑުމަތީގައި ހުރިހާ ކުޅުންތެރިންނަށް ވެސް ފައިދާ ކުރުން،" އައްސަދު ބުންޏެވެ.

ތަޖުރިބާ ނެތުމަކީ ޓީމަށް ދިމާވާނެ އެންމެ ބޮޑު މައްސަލަކަން ކުރިން ވެސް އައްސަދު ފާހަގަކޮށްފައިވީ ނަމަވެސް، އައްސަދު ވަނީ ޓީމާ މެދު ވަރަށް އުންމީދު އޮތްކަމަށް ބުނެފަ އެވެ. އަދި އެ މުބާރާތުގައި ވާދަކުރާ ގައުމީ 23 އަހަރުން ދަށުގެ ޓީމަކީ ރާއްޖޭގައި މިހާތަނަށް ހޮވާލެވުނު އެންމެ ހުނަރުވެރި އެއް ޓީމު ކަމަށް ވެސް ބުނެފަ އެވެ.

ތަޖުރިބާގެ އިތުރުން، ކައިރި ކައިރީގައި މެޗުތައް ކުޅެން ޖެހުމަކީ ވެސް ރާއްޖޭގެ ޒުވާން ޓީމަށް ދިމާވާނެ ދަތިކަމެއް ކަން އައްސަދު ވަނީ ފާހަގަ ކޮށްފަ އެވެ.

"މުބާރާތުގައި ކުޑަ ދުވަސްކޮޅެއް ތެރޭ ގިނަ މެޗުތަކެއް ކުޅެން ޖެހުމަކީ ވެސް ދިމާވާނެ ދަތިކަމެއް، މިރޭގެ މެޗަށް ފަހު ދެވަނަ މެޗާ ދޭތެރޭ ރެސްޓަށް ލިބެނީ އެންމެ ދުވަހެއް،" ގައުމީ ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމް ވެސް އަދާކުރާ އައްސަދު ބުންޏެވެ.

މިރޭ ލެބަނާނާ ދެކޮޅަށް ކުޅުމަށް ފަހު، މި މަހުގެ 25 ވަނަ ދުވަހު މުބާރާތުގައި ކުޅޭ ދެވަނަ މެޗުގައި ރާއްޖެ ނިކުންނާނީ ބަހުރައިނާ ދެކޮޅަށެވެ. އަދި 27 ވަނަ ދުވަހާއި 29 ވަނަ ދުވަހު ރާއްޖެ ކުޅެން ޖެހޭނީ އިރާގާއި އަމިއްލަ ގައުމުގައި މުބާރާތް ކުޅޭ އޯމާނާ ދެކޮޅަށެވެ.