ހޮނިހިރު ދުވަހުގެ ރޭ ފަތިހު މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ޅިޔަނުކެފޭގެ ވޭޓަރަކު މަރާލުމާ އެކު އެ ވިޔަފާރި އެއްކޮށް ހުއްޓިފައިވާ ކަމަށް އެކެފޭގެ ވެރިޔާ ބުނެފި އެވެ.

ޅިޔަނު ކެފޭގެ ވެރިޔާ ހުސެއިން ޔާސިރު މިއަދު ސަން އަށް ވިދާޅުވީ އެކެފޭގެ ވޭޓަރެއް ކަމަށްވާ ޝާހިން މިޔާ މަރާލުމާ އެކު އެ ކެފޭގައި މަސައްކަތް ކުރާ 13 ބިދޭސީން ބޭނުން ވަނީ ފުރައިގެން އެމީހުންގެ ގައުމަށް ދިއުމަށް ކަމަށެވެ. އެއާ އެކު އޭނާ މުޅި އުމުރު ދުވަހު ކުރި މަސައްކަތް ހުއްޓިފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ އެކެފޭ ހިންގާތާ ހައެއްކަ އަހަރު ވެފައިވާ އިރު އެތަނުގައި މަސައްކަތް ކުރާ ބިދޭސީންނަށް މިހާރު ބިރުން މަސައްކަތް ކުރަން ނުކެރޭ ކަމަށް އޭނާ ވިދާޅުވި އެވެ. ދެން ޖެހޭނީ މުޅިން އަލަށް މީހުން ގެނެސްގެން އެ މަސައްކަތް ފަށަން ކަމަށާއި މިއީ އުމުރު ދުވަހު ކުރި މަސައްކަތް އަލުން ފަށަން ޖެހުން ފަދަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެތަން އެހެރީ ބަންދުވެފައި، މީހުނެއް ނެތް، މިއޮތް ހުރިހާ ދުވަހު މަ ކުރި ވިޔަފާރީ ދިޔައީ. ދެން އެތަނުގައި އެ ޓޭސްޓް [އެ ރަހަ] ނެރެގެން ވިޔަފާރިއެއް ކުރެވެން އޮތިއްޔެއް ނޫން. މަގޭ ނަމުގައި މީހަކު ހުރިއްޔެއް ނޫން މިއެންމެން ފޮނުވާލީމާ،" މާޔޫސްކަމާ އެކު ވާހަކަ ދައްކަމުން ޔާސިރު ވިދާޅުވި އެވެ.

އެކެފޭއަކީ ޔާސިރުގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ ވިޔަފާރިއެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އޭނާގެ ދަރިންނަށް ކާންދެނީ އެކެފޭ އިން ކައްކައިގެން ކަމަށާއި މިހާރު ދަރިންނަށް ކާންދެވޭނެ ގޮތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަށަކީ ތިން ކުދިންނަށް އަމަޔަކު ނުލާ އެތަނުގައި ކާން ދީގެން ގެންގުޅޭ މީހެއް، ކުދިންނަށް ކާންދެވޭނެ ގޮތެއް ނެތް. މުޅި އުމުރު ކުރި މަސައްކަތް މިދިޔައީނު،" ޔާސިރު ވިދާޅުވި އެވެ.

ވޭޓަރު މަރާލުމުގެ ކުރިން ހޮނިހިރު ދުވަހުގެ ހަވީރު 5:30 އެހާކަންހާއިރު ބަޔަކު ވަދެ އެ ކެފޭގައި ކެމެރާ ހުރިތޯ ބެލި ކަމަށް އޭނާ ވިދާޅުވި އެވެ. އެއަށް ފަހު ދަންވަރު އައިސް ބިއްލޫރިތައް ތެޅީ އެވެ. އަދި އެއަށް ފަހު ފަތިހު ގޮސް ވޭޓަރަށް ހަމަލާދީ މަރާލީ އެވެ. އެއިން ކޮންމެ ފަހަރަކު ވެސް ކަމާ ބެހޭ ފަރާތްތަކަށް އެކަން އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމައްސަލަތަކާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކެފޭ އިން މީހަކު ފޭރެން އުޅުނު މައްސަލައަކާއި ކެފޭގެ ތެރޭގައި މާރާމާރީއެއް ހިނގި މައްސަލައެއް ވެސް އެވަގުތުތަކުން ފެށިގެން ފުލުހުން ތަހުގީގް ކުރަމުންދާ ކަމަށެވެ.

އެކެފޭގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީންނާއި ކެފޭގެ ވެރިޔާ ވެސް ޝާހިން މަރާލި ކަމަށް އިއްތިފާގުވާ އެއް ސަބަބެއް އެބަ އޮތެވެ. އެއީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދިވެއްސަކު ވަދެ އެކެފޭ އިން ފައިސާ ފޭރެން އުޅުމުން ބިދޭސީ ވޭޓަރުން އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމެވެ. އެމީހުން ދެކޭ ގޮތުގައި އެކަމުގެ ބަދަލު ހިފުމުގެ ގޮތުން އެމީހުން ޝާހިން މަރާލީ އެވެ.