މި އަހަރުގެ ފުރަތަމަ ދެ މަސް ދުވަހުގެތެރޭ ފުލުހުންނަށް ހުށަހެޅި ގެވެށި އަނިޔާގެ މައްސަލަތަކާއި ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ 2014 ވަނަ އަހަރުގެ ފުރަތަމަ ދެ މަސް ދުވަހު ގެވެށިއަނިޔާގެ 32 މައްސަލައަކާއި ޖިންސީ ގޯނާގެ 76 މައްސަލައެއް ހުށަހެޅިފައިވެ އެވެ. އަދި މި އަހަރުގެ އެ މުއްދަތުގައި ހުށަހަޅާފައި ވަނީ ގެވެށި އަނިޔާގެ 54 މައްސަލައަކާއި ޖިންސީގޯނާގެ 101 މައްސަލަ އެކެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ދެ މަސް ދުވަހު ގެވެށި އަނިޔާގެ މައްސަލަތައް ހުށަހެޅި މިންވަރު 68 ޕަސެންޓް ވަނީ އިތުރު ވެފަ އެވެ. އަދި ޖިންސީ ގޯނާގެ މައްސަލަތައް ހުށަހެޅި މިންވަރު 32 ޕަސެންޓް ވަނީ އިތުރުވެފައިވެ އެވެ.

މީގެ އިތުރުން، މަކާރާއި ހީލަތް ހެދުމުގެ މައްސަލަތަކާއި ކައުންޓަފީޓް އަދި ފޯޖަރީގެ މައްސަލަތައް ހުށަހެޅުނު މިންވަރު ވެސް ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ދެ މަސް ދުވަހަށް ވުރެ މި އަހަރު އިތުރުވެފަ އެވެ. އެގޮތުން 2014 ވަނަ އަހަރުގެ ފުރަތަމަ ދެ މަސް ދުވަހު ހުށަހެޅި މިފަދަ 80 މައްސަލައާ އަޅާބަލާ އިރު 18 މައްސަލައެއް މި އަހަރުގެ އެ މުއްދަތުގައި އިތުރަށް ހުށަހަޅައިފައިވެ އެވެ. އަދި ކައުންޓާ ފީޓްކުރުމާއި ފޯޖަރީގެ 18 މައްސަލައެއް މި އަހަރު ހުށަހެޅިފައިވާ އިރު، އެއީ ފާއިތުވި އަހަރަށް ވުރެ ހަތަރު މައްސަލަ އިތުރު އަދަދެކެވެ.

މި އަހަރުގެ ފުރަތަމަ ދެ މަސް ދުވަހު ހުށަހެޅި ބައެއް މައްސަލަތައް އިތުރުވި ނަމަވެސް ވައްކަމާއި ފޭރުމާއި މާރާމާރީގެ މައްސަލަތައް ވަނީ ދަށް ކުރެވިފައި ކަމަށް ފުލުހުން ބުނެ އެވެ.

އެގޮތުން ފުރަތަމަ ދެ މަސް ދުވަހު ހުށަހެޅި ފޭރުމުގެ މައްސަލަތައް ވެސް ވަނީ 41 ޕަސެންޓް މަދުކުރެވިފަ އެވެ. އެއީ 2014 ވަނަ އަހަރު 147 މައްސަލަ އަދި 2015 ވަނަ އަހަރު 86 މައްސަލަ ހުށަހެޅިގެންނެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ދެ މަސްދުވަހާ އަޅާބަލާ އިރު 2015 ވަނަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ޢަދަދަށް އެންމެ ބޮޑު ފަރަގެއް އައިސްފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކަށެވެ. އެގޮތުން، 2014 ވަނަ އަހަރު 721 މައްސަލަ ހުށަހެޅިފައިވާ އިރު މި އަހަރު 356 މައްސަލަ ހުށަހެޅިގެން 365 މައްސަލައިގެ ފަރަގަކާ އެކު 50 ޕަސެންޓަށް ވުރެ މަތިން މަސްތުވާތަކެތީގެ މައްސަލަތައް ހުށަހެޅުނު މިންވަރު ވަނީ ދަށްކުރެވިފައިވެ އެވެ.

އެ މުއްދަތުގެ ތެރޭގައި ހުށަހެޅުނު މާރާމާރީގެ މައްސަލަތައް ވެސް ވަނީ އަށް ޕަސެންޓަށް ދަށްކުރެވިފަ އެވެ. އެއީ 2014 ވަނަ އަހަރު 192 މައްސަލަ އަދި މި އަހަރު 176 މައްސަލަ ހުށަހެޅިގެންނެވެ.

މިދިޔަ އަހަރު ވައްކަމުގެ 1065 މައްސަލަ، އަދި މި އަހަރު 738 މައްސަލައެއް ފުރަތަމަ ދެ މަސް ތެރޭ ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. އެހެންކަމުން ހުށަހެޅުނު ވައްކަމުގެ މައްސަލަތައް ވަނީ 16 ޕަސެންޓް ދަށްކުރެވިފަ އެވެ. އެއީ 327 މައްސަލައިގެ ފަރަގެކެވެ.

ފާއިތުވި 2014 ވަނަ އަހަރުގެ ފުރަތަމަ ދެ މަހާ އަޅާބަލާ އިރު މި އަހަރުގެ ފުރަތަމަ ދެ މަސް ދުވަސްތެރޭ ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ އަދަދު 21 ޕަސެންޓް ވަނީ ދަށް ކުރެވިފަ އެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، 2014 ވަނަ އަހަރުގެ ޖެނުއަރީ މަހާއި ފެބްރުއަރީ މަހު މުޅި ޖުމްލަ 3563 މައްސަލަ ހުށަހެޅިފައިވާ އިރު ހަމަ އެ މުއްދަތުގައި މިއަހަރު ހުށަހެޅިފައި ވަނީ ޖުމްލަ 2785 މައްސަލަ އެވެ. އެހެންކަމުން މިއަހަރު ހުށަހެޅުނު މައްސަލަތަކުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާ އިރު ވަނީ 778 މައްސަލަ މަދުކުރެވިފަ އެވެ.