23 Mar 2015, 10:30
ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު އެލް ކްލެސިކޯ މެޗުގައި، 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑްގެ މައްޗަށް ކުރި ހޯދާ، ބާސެލޯނާ ލީގު ތާވަލްގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ސްޕެނިޝް ލީގުގެ ތާރީޚުގައި ވެސް އެންމެ ވާދަވެރި ދެ ކްލަބް ކަމަށްވާ ރެއާލް އާއި ބާސާ ރޭ ކުޅުނު މެޗަށް ފަހު ބާސާ މިހާރު ވަނީ ލީގުގައި މުޅިއަކު 68 ޕޮއިންޓް ހޯދާފަ އެވެ. އަދި ރެއާލް 64 ޕޮއިންޓާ އެކު ދެވަނައިގައި އޮތް އިރު، ތާވަލްގެ ތިންވަނައިގައި ވެލެންސިޔާ ވެސް އޮތީ ރެއާލްއާ ދެމެދު ހަތަރު ޕޮއިންޓުކުގެ ފަރަގެއް ހޯދައިގެންނެވެ.
ރޭގެ މެޗު ރަނގަޅު ފޯމެއްގައި ބާސާ ފެށި ނަމަވެސް، މާ ގިނަ އިރުތަކެއް ނުވަނީސް ރެއާލް ވަނީ ކުޅުން ރަނގަޅުކޮށް މެޗު ކޮންޓްރޯލް ކުރަން ފަށާފަ އެވެ. ރެއާލްއަށް މެޗުގައި ލިބުނު ފުރަތަމަ ފުރުސަތުގައި، ބެންޒެމާ ނަގައިދިން ހުރަސް ރޮނާލްޑޯ ކުރިއަށް ފޮނުވާލި އިރު، އެ ޝޮޓު އަމާޒުވީ ބާސާ ގޯލްގެ ހުރަސް ދަނޑިއަށެވެ.
ރެއާލް ކުޅުން ރަނގަޅު ކުރި ނަމަވެސް، މެޗުގެ ލީޑު ފުރަތަމަ ނެގީ ކައުންޓާގައި އަވަސް ހަމަލާތަކެއް އުފައްދަމުން ދިޔަ ބާސާ އެވެ. މެޗުގެ 19 ވަނަ މިނެޓުގައި ބާސާއަށް ލިބުނު ހިލޭ ޖެހުމަކުން މެސީ ނަގައިދިން ހުރަސް ގޯލްގެ ތެރެއަށް ފޮނުވާލައިން، ބާސާގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ޑިފެންޑަރު ޖެރެމީ މެތިއު އެވެ.
އެ ލަނޑަށް ފަހު މެޗުގެ 30 ވަނަ މިނެޓުގައި ބާސާގެ ނޭމާ އަށް ވަނީ ލީޑު ފުޅާކޮށްލަން ރަނުގެ ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އޭނާގެ ޝޮޓު ކީޕަރު ކެސިލަސްއާ ދިމާލަށް ފޮނުވާލެވުނު އިރު، ރެއާލްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ބާސާގެ އެ ހަމަލާއަށް ފަހު އުފެއްދި ކައުންޓާގައި، ބެންޒެމާ ދިން ޕާހަކުން އެ ޓީމްގެ ތަރި ރޮނާލްޑޯ އެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް ފަހު ގޭމް ކޮންޓްރޯލް ކުރަމުން ދިޔަ ރެއާލްގެ ބޭލް އެ ހާފް ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ވަނީ ބާސާގެ ގޯލްތެރެއަށް އަނެއްކާ ވެސް ބޯޅަ ފޮނުވާލާފަ އެވެ. ނަމަވެސް މެޗުގެ އޮފިޝަލުން އެ ލަނޑު ނިންމީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
ދެވަނަ ހާފް ބެންޒެމާގެ ރަނގަޅު ހަމަލާއަކާ އެކު ރެއާލް ފެށި ނަމަވެސް، ބާސާގެ ޑިފެންޑަރު ޑެނީ އަލްވޭޒް ދިން ލޯންގް ޕާހެއް ހުނަރުވެރިކަމާ އެކު ކޮންޓްރޯލް ކުރުމަށް ފަހު، ސުއަރޭޒް ވަނީ މެޗުގެ 56 ވަނަ މިނެޓުގައި ބާސާއަށް ލީޑު ފުޅާކޮށްލަ ދީފަ އެވެ.
ދެވަނަ ފަހަރަށް ބާސާ ލީޑު ނެގުމުން ރެއާލްގެ ކުޅުން ކޮންމެވެސް ވަރަކަށް ދަށްވިތަން ފެނިގެން ދިޔައިރު، މެޗުގެ ބާކީ ބައިގައި ރަނގަޅު ކުޅުމެއް ދެއްކީ ބާސާއެވެ. އެގޮތުން ބާސާގެ ނޭމާއަށް ލިބުނު ރަނގަލޫ ފުރުސަތެއްގެ ބޭނުން އޭނާއަށް ނުހިފި ދިޔައިރު، ރެއާލްގެ ކީޕަރު ކެސިލަސްއަށް ވަނީ މެސީ އާއި ޖޯޑީ އަލްބާގެ ނުރައްކާތެރި ދެ ހަމަލާއެއް ދިފާއު ކުރަން ޖެހިފަ އެވެ.
މެޗުގެ ބާކީ ވަގުތުކޮޅު ރެއާލްއަށް މާ ރަނގަޅު ހަމަލާއެއް އުފެއްދޭ ގޮތް ނުވިނަމަވެސް، އެ ޓީމް ވަނީ އަމިއްލަ ދަނޑުގައި ކުޅެމުން ދިޔަ ބާސާއަށް އިތުރު ލަނޑެއް ކާމިޔާބު ކުރިޔަ ނުދީ ހިފައްޓާލާފަ އެވެ.