ކްރިކެޓް ވޯލްޑް ކަޕް ހުޅުވަން ކުޅުނު މެޗު ބަނގްލަދޭޝްއާ ވާދަކޮށް 87 ލަނޑުން އިންޑިޔާ ކާމިޔާބުކޮށްފި އެވެ.

އިންޑިޔާ އާއި ލަންކާގެ އިތުރުން މުބާރާތް ބާއްވާ އަނެއް ގައުމު ބަނގްލަދޭޝްގެ މިނިޕޫރުގައި ކުޅުނު މެޗުގެ ޓޮސް ދިމާވުމުން އިންޑިޔާއިން ވަނީ 50 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 270 ލަނޑު ހަދައިފަ އެވެ. މިއީ މި ދަނޑުގައި ކުޅުނު މެޗުތަކުގެ ރެކޯޑަކަށްވާއިރު އިންޑިޔާގެ ވިރެންދުރަ ސެހްވާގާއި ވީރަތް ކޯލީ ވަނީ ސައްތަ ހަމަކޮށްފަ އެވެ. ނުބައިނުވެ ވީރަތް ބަރާބަރު 100 ލަނޑު ހެދިއިރު ސެހްވާގް ވަނީ 175 ލަނޑު ހަދައި ދެ ވަނަ ސައްތައަކާ ވެސް ކައިރިކޮށްފަ އެވެ. އޭނާގެ މި ސްކޯ އަކީ މި ދެ ޓީމުގެ މެޗެއްގައި މިހާތަނަށް ފެނުނު އެންމެ މަތީ ސްކޯވެސްމެ އެވެ. ސެހްވާގް ނުބައިކޮށްލީ ބަނގްލަދޭޝްގެ ޝާގިބް އަލްހަސަން އެވެ.

މި މެޗުގައި ބަނގްލަދޭޝް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 70 ލަނޑު ހެދި ކެޕްޓަން ތަމީމް އިގްބާލެވެ.
އިންޑިޔާ ޓީމުން އެންމެ ރަނގަޅަށ އުކީ 4 ވިކެޓް ނެގި މުނާފް ޕަޓޭލް އެވެ. އޭނާ އަކީ އަނިޔާވެގެން ޓީމުން އުނުކުރި ތަޖުރިބާކާރު ކުޅުންތެރިޔާ ސްރީޝާންތުގެ ބަދަލުގައި އެންމެ ފަހު ވަގުތު ޓީމަށް ނެގި ކުޅުންތެރިޔާ އެވެ. ބަނގްލަދޭޝް ޓީމުގެ ބޯލިން ގޯސްވުމުން މި މެޗުގައި ނެގިފައިވަނީ އެންމެ ތިންވިކެޓެވެ.
މުބާރާތުގައި އަންނަ އަންގާރަ ދުވަހު ބަނގްލަދޭޝް ވާދަ ކުރާނީ ޓެސްޓް ކްރިކެޓް ނުކުޅޭ ގައުމެއް ކަމަށްވާ އަޔަލޭންޑާ އެވެ. ބުރާސްފަތި ދުވަހު އިންޑިޔާ ކުޅޭނީ އިނގިރޭސިވިލާތާ އެވެ.