23 Mar 2015, 12:09
ކާބުލް (މާޗް 23): އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ ވުޖޫދު އަފްޣާނިސްތާނުގައި އިތުރުވަމުންދާކަމުގެ އިންޒާރު އެ ގައުމުގެ ރައީސް އަޝްރަފް އަބްދުލް ޣަނީ ދެއްވައިފި އެވެ.
އެމެރިކާއަށް ކުރައްވާ ދަތުރުފުޅެއްގައި ކާބުލްއިން ފުރާ ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ޣަނީ ވިދާޅުވީ އައިއެސްގެ ބިރަކީ އެ ޖަމާއަތުގެ ހައްދުފަހަނަޅާފައިވާ ފިކުރަށް ހެއްލި ގެއްލިގެން އަފްޣާން ޒުވާނުންގެ އަދަދު އިތުރުވަމުން ދިޔުމުގެ ބިރެވެ. ރިޕޯޓްތައް ބުނާގޮތުން އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތަށް ނިސްބަތްވާ ހަނގުރާމަވެރިންގެ އެތަށް ބަޔަކު ދަނީ އައިއެސްގެ ޕްރޮޕަގެންޑާގައި ޖެހި އެ ޖަމާއަތުގެ ހައްދު ފަހަނަޅާފައިވާ ފިކުރުގެ ޝިކާރައަކަށް ވަމުންނެވެ. މިކަމާމެދު ތާލިބާނުންގެ އިސްފަރާތްތަައްވެސް ވަނީ ކަންބޮޑުވާކަން ހާމަކުރައްވާފަ އެެވެ.
އައިއެސް އަކީ ތާލިބާނުންނަށްވުރެ ހުރިހާ ގޮތަކުންވެސް ހައްދުފަހަނަޅާފައިވާ ޖަމާއަތެކެވެ. ތާލިބާނުންގެ މައިގަނޑު އަމާޒަކީ އަފްޣާނިސްތާނުން ބޭރުގެ ބާރުތައް ފައްސާލައި އަފްޣާނިސްތާނުގެ ވެރިކަމަށް އަތްގަދަ ކުރުން ކަމަށްވާއިރު އިސްލާމީ އެހެން ގައުމުތަކަށް ވެރިވެގަނެ އެގައުމުތަކުގެ ކުށެއް ނެތްމީހުންނަށް ޙަމަލާދީ މީހުން ކަތިލުންފަދަ ހަރުކަށި އަމަލުތައް ތާލިބާނުން ހިންގަމުން ނުގެންދެ އެވެ.
ނަމަވެސް އައިއެސްއަކީ ސީދާ މުސްލިމުންނަށް އަމާޒުކޮށްގެން ސީދާ މުސްލިމުން މެރުމަށާއި އިސްލާމީ ގައުމުތައް ހަލާކުކޮށްލުމަށް މަސައްކަތްކުރާ އިސްލާމްދީނުގެ ދުޝްމަނެއް ކަމަށް އިސްލާމީ ދަންނަބޭކަލުންވަނީ ފަތުވާ ދެއްވާފައެވެ.
އިިސްލާމީ އެތަށް ގައުމަކަށް އައިއެސްގެ ޓެރަރިސްޓް ޙަމަލާތައް އަމާޒުކޮށް މުސްލިމުން މަރަމުން ގެންދާއިރު އެޖަމާއަތުގެ އެއްވެސް ޙަމަލާއެއް އިސްރާއީލަށް އަމާޒުކޮށްފައެއް ނުވެ އެވެ. އަފްޣާނިސްތާނުގެ ރައީސްގެ މިދަތުރުފުޅުގައި މިދަތުރުފުޅުގައި ރައީސް ޣަނީ މާދަމާ އެމެރިކާގެ ރައީސް ބަރަކް އޮބާމާއާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. (ނޫސްއެޖެންސީތައް)