ކޯޕަންހޭގަން (މާޗް 23) : ޔޫރަޕްގައި ނޭޓޯ އިން ގާއިމްކުރާ މިސައިލް އައްޑަނައިގެ ނިޒާމުގެ ރާޑަރުތައް ބަހައްޓާ ޑެންމާކުގެ އަސްކަރީ މަނަވަރުތަކަށް ނިއުކްލިޔާ ހަތިޔާރުން ޙަމަލާދޭނެ ކަމުގެ އިންޒާރު ރަޝިޔާއިން ދީފި އެވެ.

ނޭޓޯ އިން ގާއިމްކުރާ މިސައިލް އައްޑަނައިގެ ނިޒާމުގެ ރާޑަރުތައް ޑެންމާކުގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކުގައި ހަރުކުރުމުގެ ފުރުސަތު ދޭންގަސްދު ކުރާކަން އެގައުމުން އިޢްލާން ކުރުމާގުޅިގެން ދިން އިންޒާރެއްގައި ކޯޕަންހޭގްގައި ހުންނަވާ ރަޝިޔާގެ ސަފީރު ވިދާޅުވީ އެމަނަވަރުތަކަށް ރަޝިޔާގެ ނިއުކްލިޔާ މިސައިލްތަކުން ޙަމަލާދީ އެތަކެތި މުޅިން ފަނާކޮށްލާނެ ކަމުގަ އެވެ. މިއީ ފިނި ހަނގުރާމައަށް ފަހު ރަޝިޔާ އިން ޔޫރަޕްގެ ގައުމަކަށް ދިން އެެންމެ ވަރުގަދަ އިންޒާރު ކަމަށް މުރާސިލުން ބުނެ އެވެ.

ރަޝިޔާގެ ސަފީރު މިޚައިލް ވެނިން ވިދާޅުވީ ޔޫރަޕްގައި ނޭޓޯއިން ގާއިމްކުރާ މިސައިލް އައްޑަނައިގެ ނިޒާމަކީ ރަޝިޔާ ޙިސާރު ކުރުމުގެ ޕްރޮގްރާމެއް ކަމަށާ އެޕްރޮގްރާމްގައި ޑެންމާކު ބައިވެރިވުމަކީ އުދުވާނީ އަމަލެއްކަމުގަ އެވެ.

ޔޫރަޕްގެ އުތުރާއި އިރުމަތީގައި ނޭޓޯ އިން ގާއިމްކުރާ މިސައިލް އައްޑަނައިގެ ނިޒާމަކީ އީރާނުން އުފައްދާ ދުރުރާސްތާގެ މިސައިލާ ދެކޮޅަށް ރައްކާތެރިވުމުގެ ގޮތުން ގާއިމްކުރާ ނިޒާމެއް ކަމަށް ނޭޓޯ އިން ސިފަކުރެ އެވެ. ނަމަވެސް އީރާނުން ޔުރަޕަށް އިސްވެ ޙަމަލާދޭން ޖެހޭ އެއްވެސް ސަބަބެއް ނޭޓޯއަށް ދެއްކިފައެއް ނުވެ އެވެ. އެހެންކަމުން ނޭޓޯގެ މިސައިލް އައްޑަނައިގެ ނިޒާމާމެދު ރަޝިޔާ ދެކެނީ އެއީ ނުބައިރޭވުމެއްގެ ދަށުން އޮޅުވާލައިގެން ރަޝިޔާ އަށް އަމާޒުކޮށްގެން ގާއިމްކުރާ ނިޒާމެއްކަމުގަ އެވެ.

ޔޫރަޕްގެ އުތުރާއި އިރުމަތި ޝާމިލްވާ ގޮތަށް މިސައިލް އައްޑަނައިގެ ނިޒާމެއް ގާއިމް ކުރުގައި ނޭޓޯ އާއި އެމެރިކާގެ ބޭނުމަކީ ރަޝިޔާގެ މައްޗަށް އަސްކަރީ ގޮތުން ގަދަވެގަތުން ކަމަށް ކަމަށް ރަޝިޔާ ދެކޭއިރު މިފުރްސަތު ހުޅަނގަށް ނުދޭނެ ކަމަށް ރަޝިޔާ އިން ތަކުރާރުކޮށް ބުނަމުން ގެންދެ އެވެ. މިމައްސަލާގައި ރަޝިޔާ ކުރިންވަނީ ޕޮލެންޑަށާއި ރުމޭނިޔާއަށް ވެސް އިންޒާރު ދީފަ އެވެ. ރަޝިޔާގެ އިންޒާރުތަކާ ގުޅިގެން މިޕްރޮގްރާމް ކުރިޔަށްގެންދިޔުން ނޭޓޯ އިން މަޑުޖައްސާލާފައިވާތާ އަހަރުތަކެއް ވެއްޖެ އެވެ.

ރަޝިޔާ ބުނަމުން ގެންދަނީ ނޭޓޯގެ މިސައިލް އައްޑަނާގައި ބައިވެރިވުމަކީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ އިޢްލާންކުރުން ކަމަށާ އެނިޒާމުގެ ބައިތައް ހުންނަ ސަރަހައްދުތަކަށް ނިއުކްލިޔާ މިސައިލުން ޙަމަލާދީ އެތަންތަން މުޅިން ސުންނާފަތިކޮށްލާނެ ކަމުގަ އެވެ. ރަޝިޔާއަކީ ނިއުކްލިޔާ ވޯހެޑްގެ އެތަށް ވޯހެޑްތަކެއް ހަރުކޮށްފައިވާ އިންޓަކޮންޓިނެންޓަލް ބެލަސްޓިކް މިސައިލްގެ އެތައް ހާސް މިސައިލެއް އުފައްދައި ރައްކާކޮށްފައިވާ ނިއުކްލިޔާ ބާރެކެވެ.

ނޭޓޯގެ މިސައިލް އައްޑަނައިގެ ނިޒާމު ހަލާކުކޮށްލުމަށް ބޭނުންކުރަންޖެހޭނީ މީގެ ތެރެއިން އެންމެ ދެތިން މިސައިލް ކަމަށް އަަސްކަރީ ތަޖްރިބާކާރުން ވިދާޅުވެ އެވެ.

ޑެންމާކު ސަރުކާރުން ދާދިފަހުން ވަނީ ނޭޓޯ އިން ގާއިމްކުރާ މިސައިލް އައްޑަނައިގެ ނިޒާމުގެ ރާޑަރުތައް އެގައުމުގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކުގައި ހަރުކުރުމުގެ ފުރްސަތު ނޭޓޯ އަށް ދޭންގަސްދު ކުރާކަން އިއްލާންކޮށްފަ އެވެ. އަދި ޑެންމާކުގެ ބައެއްގެ ގޮތުގައި އޮންނަ ގްރީންލެންޑްގެ ބިމުގައި ނޭޓޯގެ މިސައިލް އައްޑަނައިގެ ނިޒާމުގެ ބައެއް ރޮކެޓްތައް ރުކުރުވާލުމާ ބެހޭ ގޮތުން ވެސް ޑެންމާކުން ނޭޓޯއާ އެކު މަޝްވަރާ ކުރަމުން ގެންގޮސްފައިވެ އެވެ.

ނޭޓޯގެ މިސައިލް އައްޑަނައިގެ ރާޑަރުތައް ޑެންމާކުގެ މަނަވަރުތަކުގައި ހަރުކުރާތަން ބަލަން ރަޝިޔާ ނޯންނާނެ ކަމަށާ އެ މަނަވަރުތަކަށް ނިއުކްލިޔާ ސްޓްރެޓީޖިކް މިސައިލުން ޙަމަލާދީ އެތަކެތި މުޅިން ފުނޑުފުނޑު ކޮށްލާނެ ކަމަށް ރަޝިޔާގެ ސަފީރު ވިދާޅުވުމާ ގުޅިގެން ޑެންމާކުން ވަނީ ކަންބޮޑުވާކަން ހާމަކޮށްފަ އެވެ. ރަޝިޔާގެ ސަފީރު ވިދާޅުވީ ނޭޓޯ އިން ގާއިމްކުރާ މިސައިލް އައްޑަނައިގެ ނިޒާމު ޔޫރަޕްގެ ކޮންމެ ތަނެއްގައި ހުރިނަމަވެސް ނިއުކްލިޔާ ހަތިޔާރުން ޙަމަލާދީ އެނިޒާމު ވުޖޫދުން ފޮހެލާނެ ކަމުގައެވެ. (ރޮއިޓާސް)