ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް 82000 ރުފިޔާގެ މުސާރައެއް ލިބެ އެވެ. މެމްބަރުންގެ އަދަދަކީ 85 އެކެވެ. އެކަމަކު ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވި، ގިނައިރުތަކެއްގައި މަޑުކުރަން ޖެހުނެވެ. އޭގެ ފަހުން ޖަލްސާ ފެށީ އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ ތާޅަފިލީގެ އަޑާ އެކު އެވެ.

މަޖިލީހުގެ 'ފީޑް' ކަނޑާލާފައިވުމުގެ ސަބަބުން އެ މަންޒަރުތަކެއް ނުފެނެ އެވެ. މިއަދުގެ ޖަލްސާއާ ގުޅޭ ގޮތުން ގެނަމަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ސަން އަށް ވިދާޅުވީ މިއަދު ފަށަން ނިންމާފައިވާ ޖަލްސާ ނުފެށި ލަސްވީ ކޯރަމް ހަމަނުވެގެން ކަމަށެވެ. އޭގެ ފަހުން ޖަލްސާ ފެށި އިރު އެމްޑީޕީ މެމްބަރުން އަޑުގަދަކުރާ ބޭނުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ބާއްވަން ހަމަޖެހިފައިވާ ޖަލްސާގައި އެޖެންޑާކޮށްފައި ވަނީ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް، ދިވެހި ރާއްޖޭގެ ގާނޫނުލް އުގޫބާތަށް ހުށައަޅާފައިވާ އިސްލާހަށް ބަހުސް ކުރުމެވެ. ހަމަ އެއާކު މަޖިލިސް މެމްބަރު އަލީ އާޒިމް އާއި ފައްޔާޒު އިސްމާއިލް ބަންދުކުރި މައްސަލަ އިމްތިޔާޒު ކޮމެޓީ އިން ނިންމި ގޮތުގެ ރިޕޯޓް ހުށައެޅުން ހިމެނެ އެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލަން ގޮވާލައި މިއަހަރަށް މަޖިލިސް ހުޅުވުނު ދުވަހުން ފެށިގެން ޖަލްސާ އޮއްނަ ކޮންމެ ދުވަހަކު އެމްޑީޕީގެ މެންބަރުން ދަނީ މަޖިލީސް ތެރޭގައި އިހުތިޖާޖު ކުރައްވަމުންނެވެ. އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވާ ގޮތުން، ކުރީގެ ރައީސް ނަޝީދު ދޫކޮށްލަންދެން އެބޭފުޅުން އިހުތިޖާޖު ކުރާނެ އެވެ.