ވޮޝިންޓަން (މާޗް 23) : ދެހާސް ސޯޅަ ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުން ވާދަކުރައްވަން ގަސްދުކުރައްވާކަން ސެނެޓްގެ މެންބަރެއް ކަމަށްވާ ޓެޑް ކްރޫޒް މިއަދު ޢިއްލާން ކުރައްވާނެ އެވެ.

އޭނާގެ މުސްތަޝާރަކު ވިދާޅުވި ގޮތުގައި އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރައްވަން ޓެޑް ކްރޫޒް މިހާރު ނިންމަވައި އެކަން އޭނާގެ އެންމެގާތް ފަރާތްތަކާ ޙިއްސާ ކުރައްވާފައިވާ ކަމުގަ އެވެ. ނަމަވެސް އެކަން ރަސްމީކޮށް އިޢްލާން ކުރައްވާނީ ވާޖީނިޔާ ސްޓޭޓްގެ ލިބަޓީ ޔުނިވަސިޓީގައި ޓެޑް ކްރޫޒް، މިރޭ ދެއްވާ ޚިތާބެއްގަ އެވެ. ކުރިޔަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވަން ގަސްދުކުރައްވާ ކަމަށް ބެލެވިފައިވާ ބޭފުޅުންގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސެއް ކަމަށްވާ ޖޯޖް ބުޝްގެ ދަރިކަލުން ޖެކް ބުޝް އާއި ނިޔުޖާސީ ސްޓޭޓްގެ ގަވަރުނަރު ކްރިސް ކްރިސްޓީ ހިމެނިވަޑައިގަންނަވަ އެވެ. ނަމަވެސް ރިޔާސީ ރޭހުގައި ވާދަކުރައްވަން ގަސްދުކުރައްވާކަން މިއިން އެއްވެސް ބޭފުޅަކު ރަސްމީ ސިފައެއްގައި އަދި އިޢްލާން ކުރައްވާފައެއްނުވެ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގެ ކޭންޕޭންގެ ކަންތައްތައް އޮންނާނީ އެއަހަރުގެ ކުރީކޮޅުގަ އެވެ. އަދި ރިޔާސީ އިންތިޚާބުގެ ހަގީގީ ކެންޕޭން ފެށޭނީ އެ އަހަރުގެ ޖުލައި މަހަށްފަހުގަ އެވެ. ސެނެޓްގެ މެންބަރެއް ކަމަށްވާ ޓެޑް ކްރޫޒް އަކީ ކެނެޑާ ނަސްލުގެ ބޭފުޅެކެވެ. ޓެޑްވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމަށް ޓަކައި އޭނާ ކެނެޑާގެ ރައްޔިތުކަން ދޫކޮށްލައްވާފަ އެވެ. (ރޮއިޓާސް)