ގޯންޏެއްގައި ރައްކާ ކޮށްފައި ހުރި 10 ކަތިވަޅިއާ އެކު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ކަތިވަޅިތަކަކާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 19 އަހަރުގެ ދެ ޒުވާނުންނާއި 15 އަހަރުގެ ކުޑަކުއްޖެއް ކަމަށެވެ. އަދި އެ ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ރޭ ފަތިހު 3:45 އެހާކަންހާއިރު ކަމަށެވެ. އަދި އެ ހާއިރު ބުރުޒުމަގު ހެންވޭރުކޮޅު ސަރަޙައްދުގައި އެ މީހުން ހަރަކާތްތެރި ވަމުން ދިޔަ އިރު އެމީހުންގެ ޢަމަލުތައް ހުރި ގޮތުން ތުޙުމަތު ކުރެވިގެން އެވަގުތު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރި ވަމުން ދިޔަ ސްޕެސަލިސްޓް އޮޕަރޭޝަންސްގައި މަސައްކަތް ކުރާ ފުލުހުން އެ މީހުން ހައްޔަރު ކުރީ ކަމަށެވެ.

"ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 10 ކަތިވަޅި ފެނިފައި ވަނީ އެ ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރި އިރު އެމީހުން ތިބި ސަރަޙައްދުން" ފުލުހުން ބުންޏެވެ.

ފުލުހުހުން ބުނީ ރޭ ހައްޔަރު ކުރި 19 އަހަރުގެ ދެ މީހުންނަކީ ތަފާތު އެކި ކަންކަމާ ގުޅިގެން ފުލުހުން އެކިފަހަރު މަތިން ހުއްޓުވައި ސުވާލުކޮށްފައިވާ ދެ މީހުން ކަމަށެވެ. އެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.