ގަސްތުގައި މީހަކު މަރާލި ކަމަށް ތުހުމަތުކޮށް ހަ މަސް ދުވަސްވަންދެން ހައްޔަރުކޮށްފައި ބެހެއްޓި ގ. ކޯޒީ އިބްރާހިމް ޝަހުމްގެ ތަހުގީގަށް ހެލްތު މިނިސްޓަރު ޑރ. އާމިނަތު ޖަމީލް އެއްބާރުލުން ނުދެއްވި ކަމަށް ބުނެ، ކޯޓުގެ އަމުރަށް ޝަހުމް ދޫކޮށްލިތާ 24 ގަޑި އިރު ނުވަނީސް އައިޖީއެމްއެޗުން ފުލުހުންގެ ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ދީފި އެވެ.

ސޯޝަލް ސެންޓަރު ފުރަގަހުގައި މިދިޔަ ޖުލައި 30 ގައި ހިންގި މާރާމާރީއެއްގައި މަރުވި، މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން 17، އިގެ މަރުގެ "މެޑިކޯ ލީގަލް ރިޕޯޓް" ހޯދުމަށް ހެލްތު މިނިސްޓަރު ޑރ. އާމިނަތު ޖަމީލަށް ފުލުހުން ފޮނުވި ސިޓީއަށް ހަ މަސް ވީއިރު ވެސް ޖަވާބެއް ދީފައި ނުވާ ކަމަށް ޝަރީއަތުގައި ފުލުހުން ބުނުމުން، އެ މައްސަލައިގައި ހައްޔަރުކޮށްފައިހުރި ޝަހުމް ދޫކޮށްލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް ފުލުހުން މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލާގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އައިޖީއެމްއެޗުން ދިނުމުން މުހައްމަދު ހުސައިންގެ މަރުގެ މައްސަލާގެ ތަހުގީގުތައް އަލުން ފަށާފައިވާ ކަމަށެވެ.

"އައިޖީއެމްއެޗުން މިދިޔަ ބުރާސްފަތި ދުވަހު އެ މައްސަލައާ ގުޅުން ހުރި މައުލޫމާތުތަކެއްދީ، އެއްބާރުލުންދީފައިވޭ. އެ ކަމާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ފުލުހުން މިހާރު ކުރަމުން މިދަނީ."
މުހައްމަދު ހުސައިން މަރާލި ކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި ޝަހުމް ހަ މަސް ދުވަހަށްފަހު ކޯޓްގެ އަމުރަށް ދޫކޮށްލާފައި ވިޔަސް އޭގެ ފަހު އަދި ހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ ޝަހުމް އަލުން ހައްޔަރު ކުރަންޖެހޭ ނަމަ ކޯޓް މަރުހަލާއިން އެކަން ކުރާނެ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އައިޖީއެމްއެޗުން ދީފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނިލް ކޯޓުން ވަނީ ހެލްތު މިނިސްޓަރު ޑރ. އައިމިނަތު ޖަމީލު ކޯޓަށް ހާޒިރު ކުރުމަށް އަމުރު ވެސް ނެރެފަ އެވެ. ނަމަވެސް ބަނޑާރަ ނައިބުގެ އޮފީހުން ވަނީ އެ އަމުރު ހައިކޯޓްގައި އިސްތިއުނާފުކޮށްފަ އެވެ.