ދިވެހި ދައުލަތުން ކުރާ ކަންތައްތަކަށް ބޭރުގެ ފަރާތްތަކުން ފާޑުކިޔައި ފިއްތުންތައް ކުރުން މާޒިވެގެން ގޮސްފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ދ. އަތޮޅު ކައުންސިލާއި ހއ. މުރައިދޫ ކައުންސިލްގެ ބައި އިލެކްޝަން ސަރުކާރު ކޯލިޝަނަށް ކާމިޔާބުވުމުގެ އުފަލުގައި މިރޭ އާޓްފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހި ދައުލަތުން ކުރާ ކަމަކަށް "އަތްބޭނުމުގެ ފުރުސަތެއް" މިއަދުގެ ސަރުކާރަކުން ނުދޭނެ ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަނީ މީހުންނާ ވާދަކޮށް މީހުންނާ ހަސަދަ ލައިގެން ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ގެންދިޔަ ބާރު މިނާ މެދު ބޭރުގެ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާތީ އެކަމަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ބޭރުގެ ބައެއް ގައުމުތަކުގައި ވެސް ބައެއް މައްސަލަތައް ވަރަށް ބާރު މިނެއްގައި ގޮސް ނިންމާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ވެސް ގާނޫނުތައް ތަންފީޒު ކުރެވެމުން ދަނީ އެ ގައުމުތަކުގައި ވެސް ގާނޫނު ތަންފީޒު ކުރަމުންދާ އުސޫލުން ކަމަށެވެ.

"އިނގިރޭސިވިލާތުގައި ކިހިނެއްތޯ ޓެރަރިޒަމްގެ މައްސަލަތައް ނިންމަނީ. 1500 މީހުން ނުވަތަ 1200 މީހުންގެ މައްސަލަތައް އެބަ ނިންމަވާލައްވާ 24 ގަޑިއިރުގެ ތެރޭގައި ނުވަތަ 48 ގަޑިއިރުގެ ތެރޭގައި. އަޅުގަނޑުމެން ނުދަމޭ އެތާ ހުރި ނިޒާމުތަކަކަށް ފާޑުކިއާކަށް. އަދި އެތާ ކޯޓު ރޫމުތަކަށް ވަންނާކަށް އަޅުގަނޑުމެންނެއް އިލްތިމާސްއެއް ނުކުރަމޭ ރިކުއެސްޓެއް ނުކުރަމޭ އަޅުގަނޑުމެންނެއް. އެކަމަކު ދިވެހިރާއްޖޭ ވީމަ އަޅުގަނޑުމެންނަކީ ކުޑަކުޑަ ގައުމަކަށްވާތީ އަޅުގަނޑުމެން ކުރާ ކޮންމެ ކަމަކަށް އަތްބާނަންވީ. ނޫން އެ ދުވަސް މާޒީވެ ގޮސްފި،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމަކީ އެއްވެސް "ހާކިމަކަށް" ފަސޭހަފުޅު ކަމެއް ނޫން ކަމަށެވެ. އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި ނަމަވެސް މުޅި ގައުމުގެ މަސްލަހަތަށް ބެލުމަށްފަހު ހާލަތު އެގޮތަށް ނިޔާ ކުރާ ކަމަށް ވަނީނަމަ މަރުގެ ހުކުމް ތަންފީޒު ކުރަނީ އެކަމުން ދެންތިބި މީހުންނަށާއި ގާތިލުންނަށް ވާން ތިބި މީހުންނަށް އިބުރަތެއް ހާސިލްކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ހިނގާ މާރާމާރީތަކުގައި މީހުން މަރާ އަދި އެފަދަ އަމަލުތައް ކުރާ ފަރާތްތަކުން އެކަންކަން ނުކުރުމަށް ރައީސް ޔާމީން މިރޭ ވަނީ އިލްތިމާސްކުރައްވާފަ އެވެ. އަދި ގާނޫނު ކޮންމެ މީހެއްގެ ކުރިމަތީގައި ވެސް ހަމަހަމަ ވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މި މައްސަލަތައް ބައްލަވާ ފައިސަލާ ކުރައްވާ ފަނޑިޔާރުންނަށް ދަންނަވާލަން ބޭނުން ވަނީ ތިބޭފުޅުން ކުރައްވާ މަސައްކަތް އަވަސް ކޮށްދެއްވާށޭ. މިކަހަލަ އަނިޔާވެރި މުޖުރިމުންގެ މައްސަލަތައް އައިމަ ފަނޑިޔާރުގެއިން ކުރައްވާ މަސައްްކަތްތައް އަވަސް ކޮށްދެއްވާށޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.