23 Mar 2015, 01:34
ސިންގަޕޫރު (23 މާޗް) - ސިންގަޕޫރު، އާދައިގެ ކުޑަކުޑަ ބަނދަރެއްގެ ގޮތުގައި އޮއްވައި، ދުނިޔޭގެ އެންމެ މުއްސަނދި އަދި ކުރިއަރާފައިވާ ވިޔަފާރީގެ "ހަބަކަށް" ބަދަލުކުރި އެގައުމުގެ ބާނީ އަދި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ލީ ކުއާން ޔޫ އުމުރުފުޅުން 91 އަހަރުގައި އަވަހާރަވެއްޖެ އެވެ.
ބޮޑުވަޒީރު އަދި ލީ ކުއާންގެ ދަރިފުޅު، ލީ ލުންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލީ ކުއާން އަވަހާރަވީ ސިންގަޕޯ ޖެނެރަލް ހޮސްޕިޓަލްގައި މިރޭ އެގައުމުގެ ގަޑިން 3:18ގައި ކަމަށެވެ.
"ސިންގަޕޫރުގެ ބާނީ ލީ ކުއާން ޔޫ އަވަހާރަވިކަން، ބޮޑުވަޒީރު އިއުލާނުކުރައްވަނީ ފުން ހިތާމައާއެކުގައެވެ،" ބޮޑުވަޒީރު ލީ ލޫންގެ އޮފީހުން ނެރުނު ބަޔާނެއްގައި ވެއެވެ.
ނިއުމޯނިއާގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް ލީ ކުއާން ސިންގަޕޯ ޖެނެރަލް ހޮސްޕިޓަލްގައި އެޑްމިޓްކުރީ، ފެބްރުއަރީމަހުގެ 5 ވަނަ ދުވަހު އެވެ.
ބޮޑުވަޒީރު ކަމުގައި ލީ ކުއާން ޔޫ ހުންނެވި ދުވަސްވަރު އޭނާ ގެންގުޅުއްވި ހަރުކަށި ސިޔާސަތުގެ ސަބަބުން، ގިނަބެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވި އެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރައްވައި، ސިޔާސީ ވާދަވެރިން ޖަލަށްލައި، އަދި ނޫސްވެރީންނާ ދެކޮޅަށް ކޯޓުގައި ޝަރީއަތްތައް ހިންގަވައި ހެއްދެވި، ލީ ވިދާޅުވެފައި ވަނީ، ތަފާތު ދަރިކޮޅުތަކާއި ގިނަ ދީންތަކުގެ މީހުން އުޅޭ ގައުމަކަށް ހަމަޖެހުން ހޯދައިދިނުމަށް އެފަދަ ހަރުކަށި ސިޔާސަތުތަކެއް ބޭނުންވާނެ ކަމަށެވެ.
ލީ ކުއަން ޔޫ ވަނީ 31 އަހަރުގެ ދިގުމުއްދަތެއްގައި ސިންގަޕޫރުގެ ބާރުގަދަ ވެރިއެއްގެ ގޮތުގައި ބޮޑުވަޒީރުކަން ކުރައްވާފައެވެ. އެގޮތުން އޭނާ ސިންގަޕޫރުގެ ވެރިއެއްގެ ގޮތުގައި 1990 ވަނަ އަހަރާ ހަމައަށް ހޭދަކުރެއްވި އިރު، އެމުއްދަތުގެ ތެރޭގައި އޭނާ ވަނީ، މަދިރިއުފެދޭ ޗަސް ބިމެއްގެ ގޮތުގައި އިނގިރޭސީންގެ އިސްތިޢުމާރުގެ ދުވަސްވަރު އޮތް ސިންގަޕޫރު، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފައިނޭންޝަލް ސެންޓަރަށް ހައްދަވައިފައެވެ.
ލީގެ ފާހަގަކޮށްލެވޭ ސިޔާސަތުތަކުގެ ތެރޭގައި، ކޮރަޕްޝަން މަދުކުރުމާއި، ބޭރުގެ އިންވެސްޓްމަންޓުތައް އޮޅުކުރުމަށް ގެންގުޅުއްވި ޓެކްސް ރޭޓް ކުޑަކުރުމުގެ ސިޔާސަތާއި، ފުރިހަމަ ސްކޫލް ސިސްޓަމާއި، އަމާން މަގުތަކެއް ބިނާކުރުން ހިމެނެއެވެ.
ލީ ޔުއާންގެ ދަރިކަލުން ސިންގަޕޫރުގެ މިހާރުގެ ބޮޑުވަޒީރު ލީ ލުންގް ވެސް އެގައުމުގެ ބޮޑުވަޒީރު ކަމުގައި ހުންނަވާތާ މިހާރު 16 އަހަރު ވެއްޖެ އެވެ.
ސިންގަޕޫރުގެ ބާނީގެ އިތުރުން އޭޝިޔާގައިވެސް ތަރައްގީގެ ރަމްޒެއްގެ ގޮތުގައި ސިފަކުރެވޭ އުމުރުފުޅުން ލީ ކުއަން ޔޫ މިރޭ އަވަހާރަވެފައިވާއިރު މި އަހަރަކީ އިނގިރޭސީންގެ އިސްތިއުމާރުން ސިންގަޕޫރު މިނިވަންވިތާ 50 އަހަރު ފުރޭ އަހަރެވެ.
ބޮޑުވަޒީރު ލީ ލޫންގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ލީ ކުއާން ޔޫގެ ޖަނާޒާގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތް ފަހުން އިއުލާނުކުރާނޭ ކަމަށެވެ. -- (އޭޕީ)