ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި މިނިވަން މުސްތަގިއްލު ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ކުރައްވާ ދައުވާއެއް ދައުލަތުގެ އެންމެ އިސް މީހަކަށް ހުންނަވާ ރައީސުލްޖުމްހޫރިއްޔާއަށް ނުހުއްޓުވޭނެ ކަމަށާއި އެއީ ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފު އަމަލެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ދ. އަތޮޅު ކައުންސިލާއި ހއ. މުރައިދޫ ކައުންސިލްގެ ގޮނޑި ސަރުކާރު ކޯލިޝަނަށް ލިބުމުން އެކަމުގެ އުފަލުގައި މިރޭ އާޓްފިޝަލް ބީޗުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މުއައްސަސާއެއް ޒިންމާދާރު ކުރުވަން ބޭނުންވާ ކަމަށް ވަނީ ނަމަ އެކަން ވަރަށް ސާފުކޮށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. ރައީސް ޔާމީން ވަނީ ޕްރޮސިކިއުޓާ ޖެނެރަލް ގޮވައިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރު ނުކުރުވާތީ އެކަމާ ސުވާލު އުފައްދަވާފަ އެވެ.

"އަޅުގަނޑު ހަމަ އިދިކޮޅު ފަރާތްތަކަށް ކޮށްލަން ބޭނުންވާ ސުވާލަކީ ކީއްވެގެންތޯއޭ ޕްރޮސިކިއުޓާ ޖެނެރަލް ގޮވައިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ނުދަނީ. ޕްރޮސިކިއުޓާ ޖެނެރަލް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރު ކުރަން ޖެހޭ ސަބަބަކީ ކީއްވެގެންތޯ އެމަނިކުފާނު ރައީސް ނަޝީދުގެ މައްޗަށް ދައުވާ އުފުއްލެވީ. މި ސުވާލު އެބަޖެހޭ ކުރަން. ޕްރޮސިކިއުޓާ ޖެނެރަލް ދައުވާ އުފުއްލެވުމުގައި ނާއިންސާފު އަދުލުން އެއްކިބާވެފައި އޮތް ދައުވާއެއް އުފުއްލެވިތޯ އެބަޖެހޭ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރަން. ރައްޔިތުންގެ މަޖިލީހަށް ޕީޖީ ނުގެންނަވާނެ ސަބަބުތަކެއް އެބައޮތް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރިކަން ދިވެހި ރައްޔިތުންނަށް ވަރަށް ސާފު ކަމަށެވެ. ނަމަވެސް ޕްރޮސިކިއުޓާ ޖެނެރަލް ކުރައްވާ ދައުވާއެއް ރައީސުލްޖުމްހޫރިއްޔާ ނުހުއްޓުވީ ކީއްވެގެންތޯ ސުވާލު އުފައްދާކަށް ގާނޫނު އަސާސީން ޖާގަ ނުދޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަވާ ބޭފުޅަކު ކުރައްވާ ކަމަކީ އެ މަގާމަށް [ޕްރޮސިކިއުޓާ ޖެނެރަލްގެ] އައްޔަން ކުރައްވާ ބޭފުޅެއްގެ ނަމެއް ރައްޔިތުންގެ މަންދޫބުންނާ ހަމައަށް ފޮނުވުން ކަމަށާއި އެ ހިސާބުން ޕީޖީގެ މަސްއޫލިއްޔަތުތައް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެހެންވީމަ މަގުމަތީގައި މިހިންގަވާ ފަހުލަވާނުންނަށް އަޅުގަނޑު އިލްތިމާސްކޮށްލަން ބޭނުންވަނީ ކީއްވެގެންތޯ ޕްރޮސިކިއުޓާ ޖެނެރަލްގެ އަރިހަށް އެ ސުވާލު ނުއުފުއްލަވަނީ. އެ ސުވާލުގެ ޖަވާބު ލިބުނީމަ އަޅުގަނޑު ހިތަށް މި އަރަނީ އެބޭފުޅުންނާ އެބޭފުޅުންނާ އެކުގައި މި ނުކުމެވަޑައިގެން އުޅުއްވާ އަހުންނާ އުހުތުންނަށް ހަމަގައިމު ވެސް ހިތްޕުޅަށް ތަސައްލީއެއް ލިބިގެންދާނެ،" ރައީސް ޔާމިން ވިދާޅުވި އެވެ.

މިފަދަ ކަންކަމަކީ "ވަރަށް ސާދާކޮށް" ގާނޫނުގައި ލިޔެވިފައި ހުންނަ ކަންތައްތައް ކަމަށާއި އެހެންކަމުން އެފަދަ ކަމެއް މިއަދުގެ ސަރުކާރުގެ އެންމެ އިސްވެރިޔާއެއް ނުކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.