22 Mar 2015, 23:55
އިނިގިރޭސި ޕްރިމިއަ ލީގުގައި މިރޭ ހަލްސިޓީއާ ދެކޮޅަށް ކުޅެ 2-3 އިން އެޓީމު ބަލިކޮށް ލީގު ތާވަލުގެ އެއްވަނައިގައި ޗެލްސީ ދަމަހައްޓަމުންދާ ލީޑު ހަ ޕޮއިންޓަށް ފުޅާކޮށްފި އެވެ.
މިރޭގެ މެޗުގެ މެޗާއެކު 29 މެޗު ކުޅެގެން ޖުމުލަ 67 ޕޮއިންޓް ޗެލްސީއަށް ލިބިފައިވާއިރު ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް، ޗެލްސީއަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ލިބިފައި ވަނީ 61 ޕޮއިންޓެވެ. އަދި އާސެންލަށް 60 ޕޮއިންޓު ލިބިފައިވާއިރު ލިވަޕޫލު އަތުން މިރޭ 2-1 ލަނޑުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑް ވަނީ 59 ޕޮއިންޓާއެކު ގަދަ ހަތަރެއްގައި ފައި ހަރުކޮށްލައިފައެވެ.
ހަލް ސިޓީގެ ދަނޑުގައި ކުޅުނު މެޗުގެ ދެވަނަ މިނިޓްގައި ޗެލްސީއަށް ހަލްގެ ގޯލް ހުޅުވާލަދިނީ އެޑެން ހަޒާޑެވެ. އަދި އޭގެ ހަތް މިނިޓް ފަހުން ޑިއެގޯ ކޮސްޓާ ވަނީ އޭނާ މި ސީޒަންގައި ޗެލްސީއަށް ޖަހައިދިން 20 ވަނަ ލަނޑާއެކު ޗެލްސީގެ ލީޑު 2-0 އަށް ފުޅާކޮށްދީފައެވެ.
މެޗުގެ ފުރަތަމަ 10 މިނިޓް ތެރޭ ޗެލްސީ ދެލަނޑުގެ ލީޑެއް ނެގި ނަމަވެސް ހަލް ވަނީ 2 މިނިޓް ދެތެރޭ 2 ލަނޑު ކާމިޔާބުކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކޮަށްފައެވެ. އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 26 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ، އަހްމަދު އަލްމޮހަމަދީ އެވެ. އަދި ޗެލްސީގެ ގޯލް ކީޕަރު ތިބޯޓް ކޯޓުއާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި 28 ވަނަ މިނިޓްގައި ހަލްއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ، އަބެލް ހެނާންޑޭޒްއެވެ. ހެނާންޑޭޒް އެ ލަނޑު ކާމިޔާބުކުރީ، ޗެލްސީގެ ޑިފެންޑަރު ބްރަނިސްލަވް އިވަނޮވިޗް ކޯޓުއާއަށް ދިން ބެކްޕާހެއް ހޯދުމަށްފަހު ބޯޅަ ގޯލްތެރެއަށް ފޮނުވާލައިގެނެނެވެ.

ހަލްގެ ފުރަތަމަ ލަނޑު އަހްމަދު އަލްމޮހަމަދީ ޗެލްސީގެ ގޯލަށް ފޮނުވާލަނީ -- ފޮޓޯ: ބީބީސީ
ދެޓީމުގެ ފަރާތުން ވެސް ލަނޑު ޖަހާނޭ ރަނގަޅު ހަމަލާތަކެއް ފެނިގެން ދިޔަ މެޗުން ޗެލްސީއަށް ދެވަނަ ފަހަރަށް ކުރި ހޯދައިދީ 3 ޕޮއިންޓް ކަށަވަރުކޮށްދިނީ، ފަހު ހާފުގައި ކޮސްޓާގެ ބަދަލުގައި ކުޅެން ނުކުން ޗެލްސީގެ ފްރާންސް ފޯވާޑް ލޮއިކް ރެމީ އެވެ. ދަނޑަށް އެރުމަށްފަހު ރެމީގެ ފައިގައި ފުރަތަމަ ޖެހުނު ބޯޅަ ދުއްވާލީ ހަލްގެ ކީޕަރު އެލަން މެކްގްރެގާގެ ދެފައިގެ ތޭރެއިން ގޯލްތެރެއަށެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީއަށް ހަލްގެ ގޯލަށް އެންމެ ތިން ހަމަލާ އަމާޒުކުރެވުނު އިރު ހަލްއިން ވަނީ އެ ހާފުގައި ޗެލްސީގެ ގޯލަށް 14 ހަމަލާ ފޮނުވާލައިފައެވެ.
ޕްރިމިއަ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު، މެންޗެސްޓާ ޔުނައިޓެޑް ވަނީ ލިވަޕޫލްގެ އަމިއްލަ ދަނޑު، އެންފީލްޑްގައި 2-1 އިން އެޓީމު ބަލިކޮށްފައެވެ. އަދި ކިއުޕީއާރުގެ ދަނޑުގައި އެޓީމާ ދެކޮޅަށް ކުޅުނު މެޗުން އެވަޓަން ވެސް މޮޅުވީ 2-1 ލަނޑުންނެވެ.