22 Mar 2015, 23:50
މެޗުގެ ފަހުހާފުގައި ކުޅެން ނުކުތްތާ 38 ސިކުންތު ތެރޭ ލިވަޕޫލްގެ ކެޕްޓަން ސްޓީވަން ޖެރާޑަށް ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައި ވާއިރު، އެ މެޗުގައި ހުއާން މަޓާ ކާމިޔާބުކޮށްދިން ދެ ލަނޑާއެކު 2-1 އިން ލިވަޕޫލް އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.
އިނގިރޭސި ޕްރިމިއަ ލީގުގައި ޒަމާނުއްސުރެ "ހަތުރުން"ގެ ގޮތުގައި ފާހަގަކުރެވޭ "ރެޑްސް" އާއި "ރެޑް ޑެވިލް" ލިވަޕޫލްގެ އެން ފީލްޑްގައި ރޭ ކުޅުނު މެޗު ކާމިޔާބުކޮށް ޖުމުލަ 59 ޕޮއިންޓާއެކު ޔުނައިޓެޑް ވަނީ ގަދަ ހަތަރެއްގެ ހަތަރު ވަނައިގައި ފައި ހަރުކޮށްލައިފަ އެވެ. ތާވަލުގެ ފަސް ވަނައިގައި ލިވަޕޫލް އޮތީ 54 ޕޮއިންޓާއެކު އެވެ.
ފުރަތަމަ ހާފުގެ 14 ވަނަ މިނިޓުގައި މަޓާ ވަނީ ޔުނައިޓެޑަށް ލިވަޕޫލްގެ ގޯލް ހުޅުވާލަދީފައެވެ. އެގޮތުން ދެޓީމުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފު ނިމުނީ ޔުނައިޓެޑް އެއް ލަނޑުގެ ލީޑެއް ހޯދައިގެންނެވެ.
ބްރެންޑަން ރޮޖާސް މެޗުގެ ދެވަނަ ހާފަށް އޭނާގެ ޓީމު ނެރުނީ، ދެވަނަ ހާފުގެ 45 މިނިޓްގައި އެޑަމް ލަލާނާގެ ބަދަލުގައި ޓީމުގެ ކެޕްޓަން ސްޓީވަން ޖެރާޑު ހިމަނައިގެން ނަތީޖާ ބަދަލުކޮށްލުމުގެ އުންމީދުގަ އެވެ. އެހެން ނަމަވެސް އުންމީދު ކުރި ގޮތާ 45 ސިކުންތުވެސް ހަމަނުވަނީ ޖެރާޑަށް ޖެހުނީ މެޗަށް އަލްވަދާއު ކިޔައި ދަނޑުން ފައިވާށެވެ. ޔުނައިޓެޑްގެ އެންޑަ ހެރޭރާގެ ފައިމައްޗަށް ބޫޓުން އެރުމާ ގުޅިގެން ރެފްރީ މާޓިން އެތުރިކްސަން ވަނީ ޖެރާޑަށް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ.
މިމެޗަކީ އެންފީލްޑްގައި ޔުނައިޓެޑާ ދެކޮޅަށް ޖެރާޑަށް މެޗެއް ކުޅެން ލިބޭނެ އެންމެ ފަހު ފުރުސަތަށް ވެގެންދާއިރު، އޭނާވަނީ ރަތްކާޑުގެ ފުރިހަމަ ޒިންމާ ނަގައި ކްލަބުގެ ކުޅުންރީންނާއި ސަޕޯޓަރުންގެ ކިބައިން މާފަށް އެދިފައެވެ.
ދެވަނަ ހާފް އެއްކޮށް އެއް ކުޅުނުތެރިއަކު މަދުން ކުޅެމުން ދިޔަ ލިވަޕޫލްގެ ގޯލަށް ދެވަނަ ލަނޑު މަޓާ ފޮނުވާލީ މެޗުގެ 59 ވަނަ މިނިޓުގައެވެ. އެޝްލީ ޔަންގުގެ ބަދަލުގައި 55 ވަނަ މިނިޓުގައި ކުޅެން އެރި އަންޖެލް ޑި މަރިއާ ތަނަވަސްކޮށްދިން ފުރުސަތުގައި ލިބުނު ބޯޅަ ޕެނަލްޓީ އޭރިޔާގެ ކަނާތްފަރާތުގައި ހުރެ މަޓާ ފޮނުވާލީ ގޯލްގެ ވާތްފަރާތު ތިރީ ކަނަށެވެ.
ސަޕޯޓަރުން ނޭވާ ހިފަހައްޓާލައި، ބައެއްފަހަރު ރެފްރީގެ ނިންމުންތަކަށް ނުރުހުން ފާޅުކުރަމުން ދިޔަ މެޗުގައި ލިވަޕޫލް ކާމިޔާބުކުރި ހަމަ އެކަނި ލަނޑު 69 ވަނަ މިނިޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނީލް ސްޓްރިޖްއެވެ. ސްޓްރިޖް އެ ލަނޑު ކާމިޔާބުކުރީ ޔުނައިޓެޑްގެ ކީޕަރު ޑެ ހެއާ ކައިރިން ބޯޅަ ކަޓުވާލުމަށްފަހު އެވެ.
މެޗުގެ އެންމެ ފަހު ޑްރާމާ ފެނިގެން ދިޔައީ، ފަހު ހާފުގެ އެންމެ ފަހު ވަގުތުކޮޅުތެރޭގައެވެ. ލިވަޕޫލް ޕެނަލްޓީ އޭރިޔާ ތެރެއިން ޑެލީ ބްލައިންޑަށް އެމްރީ ކެން ކުރި ފައުލަކާ ގުޅިގެން ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ އެޓީމުގެ ކެޕްޓަން ވޭން ރޫނީ ވަނީ ބޭކާރުކޮށްލައިފައެވެ.
މި ނަތީޖާއާއެކު ޔުނައިޓެޑުން ލިވަޕޫލާ ދެމެދު ފަސް ޕޮއިންޓުގެ ފަރަގެއް ހޯދާފައި ވާއިރު، ލީގު ތާވަލުގެ އެއްވަނައިގައި އޮތް ޗެލްސީވަނީ، މިރޭ ހަލް ސިޓީއާ ދެކޮޅަށް ކުޅުނު މެޗު 3-2 އިން ކާމިޔާބުކޮށް 6 ޕޮއިންޓަށް ލީޑު ފުޅާކޮށްފައެވެ. ދެވަނަނައިގައި އޮތް ސިޓީއަށް 61 ޕޮއިންޓު ލިބިފައިވާއިރު، ތާވަލުގެ ތިން ވަނައިގައި 60 ޕޮއިންޓާއެކު އޮތީ އާސެނަލް އެވެ.