ތައިލެންޑްގެ ރަސްގެފާނަށް ފުރައްސާރަކޮށް، ޝޮޕިން މޯލެއްގެ ފާހާނައިގެ ފާރުގައި ލިއުނު މީހަކު 18 މަސް ދުވަހަށް ޖަލަށް ލައިފި އެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހުން ބުނީ ރަސްގެފާނަށް ފުރައްސާރަކުރި ކަމުގެ ކުށުގައި 18 މަސް ދުވަހަށް ޖަލަށް ލުމަށް ތައިލެންޑްގެ މިލިޓަރީ ކޯޓުން ހުކުމް ކޮށްފައި ވަނީ އުމުރުން 67 އަހަރުގެ މީހަކަށް ކަމަށެވެ.

ތައިލެންޑްގެ ރަސްގެފާނުގެ ގަދަރު ހިފެހެއްޓުމަށް އެގައުމުގައި އޮންނަ ގާނޫނަކީ ދުނިޔޭގެ ގައުމެއްގައި އޮންނަ އެފަދަ އެންމެ ހަރުކަށި އެއް ގާނޫނެވެ. އެގޮތުން ރަސްގެފާނަށް ފުރައްސާރަކުރާ މީހުން ތިން އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް އެގާނޫނުގެ ދަށުން ޖަލަށް ލެވެއެވެ.

ތައިލެންޑްގައި މިދިޔަ އަހަރުގެ މޭމަހު ކުރި އަސްކަރީ ބަޣާވާތަށް ފަހު އެގައުމުގައި ގާއިމްކޮށްފައިވާ އަސްކަރީ ސަރުކާރުން އަންނަނީ ރަސްކަމާ ދެކޮޅު މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.

ބަޣާވާތުން ވެރިކަމުން ދުރުކޮށްފައިވާ ކުރީގެ ބޮޑުވަޒީރު ޔިންލަކް ޝިނަވަޓްރާއާ ދެކޮޅަށް ޝަރީއަތް ހިންގަން ވެސް އަސްކަރީ ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.