ރެޑް ސީގައި އާދަޔާ ހިލާފު މިޔަރެއް، ޓޫރިސްޓަކަށް ހަމަލާދީގެން މަރުވެއްޖެ އެވެ.

މިސުރުގެ ފުލުހުންނާ ހަވަލާދީ ބީބީސީ އިން މިއަދު ބުނީ މިޔަރު ހަމަލާދިނީ 52 އަހަރުގެ ޖަރުމަނު މީހަކަށް ކަމަށާއި އަދި ހަމަލާދީފައި ވަނީ އޭނާގެ ކަކުލަށް ކަމަށެވެ.

މިއަދު އެ ހާދިސާ ހިނގީ ބަނދަރުމަތީ ރަށް، ގުސައިރުގައި ކަމަށާއި އެ ހާދިސާ އަކީ ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ރެޑް ސީގައި ހިނގި އެފަދަ ފުރަތަމަ ހާދިސާ ކަމަށެވެ. އެއީ ކޮން ވައްތަރެއްގެ މިޔަރެއް ކަމެއް އަދި ނޭނގެ އެވެ. ނަމަވެސް 2010 ވަނަ އަހަރު މީހަކަށް ހަމަލާދީ އަދި ހަމަ އެމީހާ މަރުވި ހާދިސާގައި ހަމަލާދީފައި ވަނީ ވައިޓް ޓިޕް ރީފް ޝާކެއް ކަމަށް ބީބީސީ އިން ބުންޏެވެ.

އޭރު ހިނގި ހާދިސާ އަށް ފަހު، އެ ސަރަހައްދުގެ ރިސޯޓްތައް ހަފްތާ އަކަށް ބަންދު ކުރި އެވެ.

މިއަދު އެ ހާދިސާ ހިނގި ތަނުގައި 2009 ވަނަ އަހަރު ފްރާންސް މީހަކަށް ވެސް މިޔަރެއް ހަމަލާދީ އެ މީހާ މަރުވި އެވެ.
މިސުރަކީ ދުނިޔޭގެ މަޝްހޫރު ޑައިވިން ޑެސްޓިނޭޝަންތަކުގެ ތެރޭގައި ހިމޭނޭ ގައުމެކެވެ.