އިސްލާމްދީން ހިމާޔަތްކުުރުމަށްޓައި މިރާއްޖެ ވާ ކޮންމެ ގުރުބާނީއެއްގެ ފަހަތުގައި ސައުދީ ސަރުކާރު އޮންނާނެ ކަމަށް ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދު ވިދާޅުވި ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ޝައިނީ ވިދާޅުވީ "ބޭރު ގައުމުތަކުގެ ނުފޫޒް ރާއްޖެއަށް މިހާބޮޑުވެގެން މިދަނީ އިސްލާމްދީން މިތާއޮވެގެން އެ ދީން ނައްތާލުމަށް ޓަކައި ބަޔަކު ކުރާ މަސައްކަތްތަކެއްގެ ތެރެއިން ކަން އެ ބޭފުޅުން ވެސް ގަބޫލުކުރައްވާ" ކަމަށެވެ.

އަދި ސައްތައިންސައްތަ މުސްލިމު ދެ ގައުމަކަށް ދުނިޔޭގައި އޮތް ހަމައެކަނި ދެ ގައުމަކީ ސައުދީ އާއި ރާއްޖެ ކަމަށްވާތީ ދެ ގައުމަށް ވެސް ބައިނަލް އަގުވާމީ ޕްރެޝަރު އަންނަކަމަށް ރަސްގެފާނު ވިދާޅުވި ކަމަށް ޝައިނީ ވިދާޅުވި އެވެ. އަދި ބުނަންޖެހިއްޖެ ހާލަތެއްގައި 'ބަސްބުނާނެ' ކަމުގެ ޔަގީންކަން ސައުދީ ސަރުކާރުން ދީފައިވާ ކަަމަށް ޝައިނީ ވިދާޅުވި އެވެ.

އަދި އަސްކަރީ ދާއިރާ އިން ސައުދީން ދޭ އެހީތަކުގެ ތެރޭގައި 4 'ރެޕިޑް ރެސްޕޯންސް" އުޅަނދު ހަދިޔާ ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ޑރ. ޝައިނީ ވިދާޅުވި އެވެ.

ރޭގެ އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އިސްލާމީ އެހާބޮޑު ގައުމަކުން ރާއްޖޭގެ އަތުގައި ހިފުމަކީ އިސްލާމީއެއްބައިވަންތަކަން ދައްކުވައިދޭ ކަމެއް ކަަމަށެވެ.

"ސައުދީ އަރަބިޔާ މި ހިމެނެނީ މައްކާ އާއި މަދީނާ އެކުގައި. މުސްލިމުންގެ ހިތްތަކުގެ ނުހަނު މަތިވެރި ގަދަރެއް ދެވިގެންވާ، އިހްތިރާމެއް ލިބިގެންވާ ގައުމެއް ސައުދީއަރަބިޔާ އަކީ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިނގާކަންތައްތަކަށް ބަލާއިރު ވެސް ބަސްބުނުމުގެ މިނިވަންކަމާއި އިޚްތިޔާރު އަދި އަމިއްލަވަންތަ ކަމުގެ މައްޗަށްބިނާވެފައި އޮތް ގައުމެއް ސައުދި އަރަބިޔާ އަކީ،" ޑރ. ޝަހީމް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސައުދީއަށް ކުރެއްވި ފުރަމާނަ ދަތުތުފުޅުގައި ސައުދީ ރަސްގެފާނާ އެކު ބޭއްވެވި ރަސްމީ ބައްދަލުވުމުގައި ރާއްޖެއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ރަސްގެފާނު ވަނީ އެއްބަސްވެވަޑައިގެންފައެވެ.

އޭގެތެރޭގައި ދިވެހި ސަރުކާރުން ބޭނުންވެއްޖެ ނަމަ ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަަށް އެއާޕޯޓް އަދި ބްރިޖް މަޝްރޫއުއަށް މިހާރަށް ވުރެ ކުޑަ އިންޓްރެސްޓެއްގައި ލޯނު ހަމަޖައްސާދިނުން ހިމެނެއެވެ.

އަދި ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީ އެއް ގާއިމުކުރުމުގެ މަޝްވަރާތައް ކުުރެވިފައިވާ ކަމަށާއި އަދި މިކަމުގެ އެމްއޯޔޫގައި ސޮއި ކުރުމަށް ސައުދީގެ އިސްލާމިކް މިނިސްޓަރު ވަަރަށް އަވަހަށް ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ރާއްޖޭގައި ސައުދީ އެމްބަސީއެއް ހުޅުވާނެ ކަމަށް ރަސްގެފާނު ވިދާޅުވި ކަަމަށް ޝަހީމް ވިދާޅުވި އެވެ.

"އެމްބަސީ ހުޅުވުމުން ވިސާ ނެގުން ފަދަ ކަންތައްތައް ވަަރަށް ފަސޭހަވެގެންދާނެ. މީގެ އިތުރުން ސައުދީ ފަންޑްގެ އެހީގައި ހިންގާ އެކިއެކި މަޝްރޫއުތަކުގައި ވަރަށް ގިނަ މުއާމަލާތްކުރަންޖެހޭ. މި މުއާމަލާތްތައް ފަސޭހަ ވާނެ އެމްބަސީ ހުޅުވުމުން،" ޝަހީމް ވިދާޅުވި އެވެ.