11 Apr 2010, 10:37
14:30
މިސްކިތްތަކުގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކޮށް، މުޖުތަމައު ބައިބައިވުމަށް ހިތްވަރުދޭ ތަޤާފަތެއް ބައެއް މުސްލިމުންގެ މެދުގައި އަށަގެންފައިވާ ކަމަށާއި އަދި މިކަމުގެ ތެރެއަށް ކުޑަކުދީން ވެސް ވައްދަމުންދާ ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ޤާއިމްކުރެވޭ މުސްލިމުންގެ ޖަމާއަތްތަކުގައި ޤަސްދުގައި ބައިވެރިނުވެ، ވަކިން ޖަމާއަތް ހަދައި، ދައުލަތުގެ އަމުރުމައުރޫފްގެ ތެރެއިން ބޭރުވެ، ވަކިން ހުކުރުކޮށް ހުތުބާދީ، މުޖުތަމައު ބައިބައިވުމަށް ހިތްވަރުދޭ ތަޤާފަތެއް ބައެއް މުސްލިމުންގެ މެދުގައި ފެތުރިފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މުޖުތަމައުއާ އެކަހެރި، ދައުލަތަށް ކިޔަމަންތެރިކަމެއް ނެތް އެހެން ސަގާފަތެއް އުފެދެމުންދާ ކަމީ އެކަމާ ކަންބޮޑުވާ ކަމެއް ކަމަށްވެސް އިސްލާމިކް އެފެއާޒްގެ އެ ނޫސްބަޔާނުގައިވެ އެވެ.
މާލެ އާއި އަތޮޅު ތެރޭގެ ރަށްރަށުގައި ވަކިން ޖަމާއަތް ހަދައިގެން ވަކިން ހުކުރުކޮށް، ހުއްދަނެތި ތަގްރީކޮށް، ހުތުބާދީ ހައްދަމުން ގެންދާ އެންމެހާ ފަރާތްތަކުން އެކަންކަން ހުއްޓާލުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ އެނޫސްބަޔާނުގައި އެދިފަ އެވެ.
އިސްލާމިކް މިނިސްޓަރ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ މިއަދު ވިދާޅުވީ ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރާ މީހުނަށް ނަސޭހަތްތެރިވެގެން އެކަންތައް ހުއްޓުވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި އެގޮތުން ވެސް އިސްލާހު ނުވެއްޖެނަމަ އެ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.