ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ސްކައުޓް ގްރޫޕާއި ސަފާ ހައްޖު ގުރޫޕުން ގުޅިގެން ހުޅުވާލި އުމްރާ ދަތުރުގައި ބައިވެރިވި ސްކައުޓުންނާއި އެކުދިންގެ އާއިލާތަކުގެ ތެރެއިން އެންމެ ފަހު ބުރުގެ ބައިވެރިން މިދިޔަ ހުކުރު ދުވަހު އުމްރާއަށް ފުރައިފި އެވެ.

އެ ޕްރޮގްރާމަކީ ރާއްޖޭގެ ސްކައުޓް ގްރޫޕަކުން އިސްނަގައިގެން މިފަދަ އުމްރާ ދަތުރެއް އިންތިޒާމްކުރި ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި ސްކައުޓް ހިންގާ ހުރިހާ ސްކޫލެއްގެ ސްކައުޓުންނަށާއި އެކުދިންގެ ބެލެނިވެރިންނާއި ލީޑަރުންނަށް ހެޔޮ އަގެއްގައި އުމްރާގެ އަޅުކަން އަދާކުރުމުގެ މަގުފަހި ކޮށްދިނުމުގެ މަގްސަދުގައި ހުޅުވާލި އެ އުމްރާ ދަތުރު ކުރިއަށް ގެންގޮސްފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ.

އެގޮތުން، ފުރަތަމަ ބައިގެ ދަށުން 15 ބައިވެރިއަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ މައްކާއަށް ގޮސް އުމްރާގެ އަޅުކަން ފުރިހަމަކޮށްފައިވެ އެވެ. އަދި ދެވަނަ ބުރުގެ ދަށުން ހަ ސްކައުޓުން މިމަހުގެ 13 ވަނަ ދުވަހު އުމްރާއަށް ގޮސްފައިވާއިރު، ދެ ވަނަ ބުރުގެ ބައިވެރިންގެ ތެރެއިން އެންމެ ފަހު ބައިވެރިން ފުރާފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

އެ ބުރުގައި ހަތަރު ސްކައުޓުންނާއި ފަސް ސްކައުޓް ލީޑަރުންނާއި 27 ކުދިންގެ ބެލެނިވެރިން އުމްރާއަށް މައްކާއަށް ފުރާފައި ވެއެވެ.

ޣިޔާސުއްދީން ސްކޫލުން ކުރިން ބުނީ، އެ އުމްރާ ދަތުރުގައި ކީރިތި ރަސޫލާ އުފަންވެވަޑައިގަތް ގެކޮޅާއި ހިރާ ފަރުބަދަ، އުހުދު ފަރުބަދައިގެ އިތުރުން މައްކާ އަދި މަދީނާގެ އެކިއެކި މުހިއްމު ތަންތަނަށް ޒިޔާރަތްކޮށް އެތަންތަނާއި ބެހޭ މައުލޫމާތު ވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.