22 Mar 2015, 19:44
ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެސްވީއޭއެމް)އިން އިންތިޒާމްކޮށްގެން އައްޑޫގައި ކުރިއަށް ގެންދިޔަ "މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ 2015" އިއްޔެ ނިންމާލައިފި އެވެ.
ޕްރީ ސްކޫލް ކުދިންނަށާއި ގްރޭޑް އެކެއްގެ ކުދިންނަށް ހާއްސަކޮށްގެން، މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޕްރީސްކޫލް ބައިން އެއްވަނަ ހޯދީ ކެންގަރޫ ކިޑްސް އެވެ. އަދި ގްރޭޑް އެކެއްގެ ބައިން އެއްވަނަ ހޯދީ ހުޅުދޫ ސްކޫލެވެ.
މި މަހުގެ 19 އިން 21 ވަނަ ދުވަހަށް ކުރިއަށް ގެންދިޔަ އެ މުބާރާތުގައި އައްޑޫގެ 19 ސްކޫލަކުން މުޅިއެކު 21 ޓީމު ވަނީ ބައިވެރި ވެފައެވެ. އަދި އެ މުބާރާތުގައި 79 މެޗު ކުޅެވިގެން ދިޔައިރު، މުޅިއެކު 336 ކުދިން އެ މުބާރާތުގައި ވަނީ ބައިވެރި ވެފައެވެ.

މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާއާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބް ވިދާޅުވީ އެ މުބާރާތުގެ ހުރިހާ ކަމެއްވެސް ކުރިއަށް ދިޔައީ ވަރަށް ފުރިހަމައަށް ކަމަށާއި، އެ މުބާރާތަށް ސްކޫލްތަކުންނާއި ބެލެނިވެރިންގެ ފަރާތުން ބޮޑު އެހީތެރިކަމަކާއި ތަރުހީބެއް ލިބިފައި ވާކަމަށެވެ.
"ވަރަށް ފުރިހަމައަށް ކުރިއަށް ގެންދެވުނު މުބާރާތެއް އެއީ. އެ މުބާރާތުން އައްޑޫގައި ހުނަރުވެރި، ފުޓްބޯޅައަށް ލޯބި ކުރާ ކުދިންތަކެއް ތިބިކަން ފާހަގަ ވެގެން ދިޔަ. ހަގީގަތުގައި މިފަދަ މުބާރާތްތައް ބޭއްވުމަކީ އެ ކުދިން މި ދާއިރާއިން ކުރިއަށް ދާން އެޅިގެންދާ ވަރަށް ރަނގަޅު ފިޔަވަޅެއް،" ތައްޔިބް ވިދާޅުވި އެވެ.
އައްޑޫގައި ހުންނަ އެފްއޭއެމްގެ ރަސްމީ ދަނޑުގައި ކުރިއަށް ގެންދިޔަ މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ ކުރިއަށް ގެންގޮސްފައި ވަނީ އެފްއޭއެމް އާއި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން ޔޫތު މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ޕޮލިސް ކްލަބް ގުޅިގެނެވެ. އަދި އެ މުބާރާތުގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި މައިލޯ ހަމަޖެއްސިއިރު، މުބާރާތުގެ ޓްރެވަލް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވީ މޯލްޑިވިއަން އެވެ.