ފ. ފީއަލީގައި ދިރިއުޅޭ ތެލެސީމިއާ 11 ކުދިނަށް މިއޮއް ހުރިހާ ޒަމާނުގައި ލޭ އެޅުން ވެފައި ވަނީ ބޮޑު ތަކުލީފަކަށެވެ. ކަނޑު ދަތުރުކޮށްގެން ލޭ އަޅަން އުފުލަންޖެހޭ ތަކުލީފަށް އެރަށު ރައްޔިތުންނާއި ސިއްހީމަރުކަޒުގެ މުވައްޒަފުން މިހާރު ހައްލު ހޯދާފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ފީއަލީ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލު މިއަދު ސަން އަށް ވިދާޅުވީ، އެ ރަށު ސިއްހީ މަރުކަޒުގައި ތެލެސީމިއާ ވޯޑެއް ރޭ ހުޅުވާފައިވާ ކަމަށެވެ. އެ ވޯޑުގެ ހިދުމަތް މިއަދު ދޭން ފަށާފައިވާ ކަމަށާއި އެއާ އެކު ލޭ އަޅަން ރަށުން ބޭރަށް ދާން ޖެހޭ ޖެހުން މިހާރު ނިމުމަކަށް ގެނެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގިނަ ފަހަރު މާލެ އަށް ލޭއަޅަން ދަނީ. އެކަން ވެފައިވަނީ ބޮޑު ތަކުލީފަކަށް،" އާބާދީގައި 1178 މީހުން ދިރިއުޅޭ ފީއަލީ ކައުންސިލްގެ ރައީސް ޖަލީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ވޯޑުން ތެލެސީމިއާ ކުދިންނާ ގުޅުން ހުރި ގިނަ ހިދުމަތްތަކެއް ލިބިގެން ދާނެ ކަމަށެވެ. އެގޮތުން ކުދިންނަށް ލޭ ހަދިޔާ ކުރުމާއި ކުދިންގެ ގަޔަށް ލޭ އެޅުން ހިމެނޭ ކަމަށް ވިދާޅުވި އެވެ. އެ ވޯޑުން އެއްފަހަރާ ތިން ކުދިންނަށް ލޭ އެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަލީލު ވިދާޅުވީ، ތެލެސީމިއާ ކުދިންނަށް ހާއްސަ ވޯޑް ހުޅުވާފައި ވަނީ ސިއްހީ މަރުކަޒުގެ މުވައްޒަފުންނާއި އާންމު ރައްޔިތުންގެ އެހީތެރިކަމާ އެކު ކަމަށެވެ. އެ ވޯޑް ހެދުމަށް ޖުމުލަ ތިން ލައްކަ ރުފިޔާ ވަރު ހަރަދުވެފައިވާ އިރު އެތަނަށް ބޭނުންވާ ބައެއް މެޝިނަރީޒް އަދިވެސް ނުލިބިވާ ކަމަށް ޖަލީލް ވިދާޅުވި އެވެ.