22 Mar 2015, 16:28
ސަރުކާރުގެ މަގާމުތަކުގައި ތިބި އަދާލަތު ޕާޓީގެ މެމްބަރުންނަށް އިތުރު ވަގުތު ދިނުމަށް ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވާ ކަމަށް އެ ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައި ވަނީ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އަދާލަތު ޕާޓީގެ މެމްބަރުން ނިންމަވަން ބޭނުންފުޅުވާ ގޮތެއް ނިންމެވުމަށް ވަގުތު ދިނުން ކަމަށެވެ.
"އާދެ އަޅުގަނޑުމެން ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމަވާފައި ވަނީ އެބޭފުޅުންނަށް ]ސަރުކާރުގެ މަގާމުގައި ތިއްބެވި އަދާލަތުގެ މެމްބަރުން[ ވަގުތު ދިނުމަށް. އެބޭފުޅުން އެ ނިންމަވާ ނިންމެވުމަށް އިހުތިޔާރު ދެެއްވުމަށް. އާދެ މިއަދު އަޅުގަނޑުމެންގެ ތެރެއިން އެއްބޭފުޅަކު ވަނީ ގައުމު ހަމަ މަގަށް އެޅުއްވުމަށް އެކަމަނާގެ ޒިންމާއެއް އޮތް ކަމަށް ގަބޫލުކުރައްވައި ސަރުކާރު ތެރޭގައި އިސްލާހު ކުރަން ޖެހޭ ކަންކަން ހުރި ކަމަށް ގަބޫލު ކުރައްވައި އަދި ހާއްސަކޮށް އަނިޔާވެރި ގުޅުން ހުރި މައްސަލަތައް ފާހަގަކުރައްވާ އިސްތިއުފާ ދެއްވާފައި،" އިމްރާން ވިދާޅުވި އެވެ.
އަދާލަތު ޕާޓީން ސަރުކާރާ އެކު މަސައްކަތް ނުކުރުމަށް ނިންމި ނިންމުމަށް އިހުތިރާމުކޮށް އަދާލަތު ޕާޓީގެ މެންބަރު އަދި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ސިދާތާ ޝަރީފް އިސްތިއުފާ ދެއްވުމުން އިމްރާން ވިދާޅުވީ "އެކަމަނާ އެ ކޮއްޓަވައިދެއްވީ ވަރަށް ރަނގަޅު މަގެއް" ކަމަށެވެ.
މިއަދުގެ ބައްދަލުވުވުމުގައި ވާހަކަފުޅުދައްކަވަމުން އިމްރާން ވިދާޅުވީ "އަނިޔާވެރިކަމާ ދެކޮޅަށް" ކުރާ މަސައްކަތުގައި އެމްޑީޕީ އާއި އަދާލަތު ޕާޓީ އިން ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން އަދާލަތު ޕާޓީގެ ހަތް މެމްބަރުންނާއި އެމްޑީޕީގެ ހަތް މެމްބަރުން އެ ކޮމިޓީގައި ތިއްބަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އާދެ މިއަދު އަޅުގަނޑުމެން ވާނީ އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރާނެ ގޮތުގެ ޗާޓެއް އަޅުގަނޑުމެން އެކުލަވާލުމަށް ވަނީ ނިންމާފައި. ހަމައެއާއެކުގައި މާދަމާ އިން ފެށިގެން އަޅުގަނޑުމެންގެ މި މަސައްކަތް ކުރިއަށް ގެންދާނެ ސްޓިއަރިން ކޮމިޓީއެއް މިވަނީ ފާސްކޮށްފައި. އާދެ މާދަމާ އިން ފެށިގެން އަޅުގަނޑުމެންގެ ސްޓިއަރިން ކޮމިޓީގެ މީޓިންތައް ބޭއްވި މި ހަރަކާތް މާދަމާ އިރާދަކުރެއްވިއްޔާ ރަސްމީކޮށް މާދަމާ އަޅުގަނޑުމެން ފަށާނަން،" އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "އަނިޔާވެރިކަމާ ދެކޮޅަށް" އެމްޑީޕީ އާއި އަދާލަތުން ކުރާ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާނެ ކަމަށެވެ. މިބައްދަލުވުންތަކުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނުފެންނާތީ އެކަމާ ގުޅޭ ގޮތުން އިމްރާން ވިދާޅުވީ ޖޭޕީގެ ކައުންސިލް ބައްދަލުވުމެއް އަދި ނުބޭއްވޭ ކަމަށާއި "އުއްމީދު ކުރަނީ އަދާލަތު ޕާޓީ އިން ޖޭޕީއަށް ހުށަހެޅި ސިޓީގެ ރަނގަޅު ޖަވާބެއް" ލިބިގެން ދިއުން ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ޖޭޕީއިން އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރައްވާނެ. އެހެންނަމަވެސް ފޮނުވާފައިވާ ސިޓީއަށް އަދި ޖަވާބެއް ނާދޭ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެބޭފުޅުންގެ ކައުންސިލް މީޓިންއެއް އަދި ނުއެއް ބޭއްވޭ. އެ މީޓިން ބޭއްވިގެން ދިޔައިމާ އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރަން އަޅުގަނޑުމެންނާ އެކު އެބޭފުޅުން ވަޑައިގަންނަވާނެ." އިމްރާން ވިދާޅުވި އެވެ.