ރާއްޖޭގެ މިނިވަންކަމުގެ ރަން ޔޫބީލް ނުވަތަ މިނިވަން 50 އާ ގުޅުވައިގެން ސަރުކާރާއި ރައްޔިތުން ހިއްސާވާ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ފަރާތުން ރައްޔިތުންނަށް ވަނީ ތަފާތު ހަދިޔާއެއް ދިނުމަށް ނިންމައިފަ އެވެ.

މިނިވަން ދުވަހަށް، ޖުމްހޫރީ މައިދާނުގެ ހުޅަނގު ކޮޅުގައި ކުރިން ހަދާފައި ހުރި ފެންއަރުވާ ވަޑާން ތަޅާލުމަށް ފަހު އެތަނުގައި އެ ކުންފުނިން ދަނީ މިޔުޒިކަލް ފެންއަރުވާ ވަޑާމެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ސަން އަށް ވިދާޅުވީ، އެކަމަކީ އެމްޓީސީސީ އިން ރައްޔިތުންނަށްދޭ ހަދިޔާއެއް ކަމަށެވެ. އަދި އެތަނުގައި މިއުޒިކަލް ފައުންޓެއް ހަދަނީ ކުޑަކުދިންނާއި އާއްމުން ގިނަ އަދަދަކަށް ޖަމާވާ، ހިތްގައިމުތަނަކަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއުޒިކާ އެއްގޮތަށް ފެން އަރާ، މިއުޒިކަލް ފައުންޓެއިނެއް ހަދަނީ އެތަނުން ފޮގް އަދި މިސްޓު ވެސް އަރާގޮތަށް. އަދި އެތަނުން ރޭގަނޑު ފެން އަރާއިރު ދިއްލޭނެ. ކުޑަކުދިންނަށް އައިސް ފެނާ ތެމިލެވޭނެ،" އެމްޓީސީސީ ސީއީއޯ ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުންފުނީގެ ސީއެސްއާރުގެ ދަށުން ހަރަދުކޮށްގެން ހަދާ އެ ފެންއަރުވާ ވަޑާން، ޖުލައި މަހުގެ އެއް ވަނަ ދުވަހަށް ނިންމުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި މިނިވަން ދުވަސް ކަމަށްވާ ޖުލައި 26 ގައި އެތަން ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ހަލީމް ވިދާޅުވި އެވެ.

ފެންއަރުވާވަޑާން ހެދުމުގެ މަސައްކަތަށް އެމްޓީސީސީ އިން މިހާރު ވަނީ އެސަރަހައްދު ބަންދުކޮށްފަ އެވެ.