އިންޑިއާގެ ޕާލަމެންޓް އިމާރާތުގައި އަލިފާން ރޯވެއްޖެ އެވެ.

އިންޑިއާގެ ދަ ޓައިމްސް އޮފް އިންޑިއާ ނޫހުން ކުޑަ އިރުކޮޅެއް ކުރިން ބުނީ ވެރިރަށް ނިއުދިއްލީގައި ހުންނަ ޕާލަމެންޓް އިމާރާތުގައި އަލިފާން ރޯވެގެން އެއަލިފާން ނިއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަލިފާން ރޯވީ ޕާލަމެންޓަށް ޒިޔާރަތްކުރާ މީހުން ވަނުމަށް ހާއްސަކޮށްފައިވާ ދޮރާށީގެ ކައިރީގައިވާ ރިސެޕްޝަންގެ ކައިރީގައި ކަމަށް ވެސް އެނޫހުން ބުންޏެވެ.

އެންޑީޓީވީން ބުނީ އަލިފާން ރޯވީ އޭސީ ޕްލާންޓެއްގައި ކަމަށެވެ. އަދި ބުނީ އަލިފާނުގެ ހާދިސާ ހިނގުމާ އެކު އެ ސަރަހައްދުން މީހުން ހުސްކޮށްފައިވާ ކަމަށާއި އެހެންވެ، އެއްވެސް މީހަކަށް ކަމެއް ނުވާ ކަމަށެވެ.

ޕާލަމެންޓް އިމާރާތުގައި އަލިފާން ރޯވުމާ އެކު އެ އަލިފާން ގަނޑު ނިއްވައިލުމަށް ނުވަ ފަޔަރ ޓެންޑާ ވަނީ ފޮނުވާފަ އެވެ. ހާދިސާގައި ލިބުނީ ކިހާ ވަރެއްގެ ގެއްލުމެއް ކަމެއް އަދި ނޭނގެ އެވެ.

އިނގިރޭސީންގެ ދަށުގައި އިންޑިއާ އޮތް ދުވަސް ވަރު ބިނާކޮށްފައިވާ އެގައުމުގެ ޕާލަމެންޓް އިމާރާތަކީ (ސަންސާދު ބަވަން) އަކީ ނިއުދިއްލީގައިވާ އެންމެ މުހިއްމު އެއް އިމާރާތެވެ.