22 Mar 2015, 15:27
މިހާރު މާލޭގައި ކުރިއައްދާ އެއްވުނަތަކާއި މުޒާހަރާތަކުގައި ރޭގަނޑު 11 ޖެހުމަށް ފަހު އަޑު ގަދަ ކުރާ ބޭނުން ނުކުރުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައްވައިފި އެވެ. އާންމު ރައްޔިތުންނަށް އާމާން އުފާވެރި ރޭގަނޑެއް ހޯދައި ދިނުމަށް ކަމަށް ބުނެ އުމަރު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ " މުޒާހަރާތަކުގެ ބައިވެރިން 11 ޖެހުމަށް ފަހު އަޑުގަދަކުރާ ބޭނުން ނުކުރުމަށް ގޮވާލަން" ކަމަށެވެ. އަދި މިއަދުން ފެށިގެން އުމަރު ކަނޑައެޅުއްވި އާ ގަޑިއަށް އަމަލުކުރަން ފެށުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް އޭނާ ވަނީ އަންގަވާފަ އެވެ. މާލޭގައި އާންމުކޮށް ކުރެވޭ މުޒާހަރާތަކާއި އެއްވުނަތަކުގައި އަޑުގަދަ ކުރާ ބޭނުން ކުރެވޭނެ އެންމެ ފަހު ގަނޑިއެއް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ކަނޑައަޅާފައި ވަނީ ރޭގަނޑު 12 ޖެހުމާ ހަމައަށެވެ. އަދި އޭގެ ފަހުން އަޑުގަދަ ކުރާ ބޭނުން ކުރާނަމަ އަޑުގަދަ ކުރާ އަތުލައި، އެފަދަ ފަރާތްތަކާ މެދު ފުލުހުން މީގެ ކުރިން ވެސް ވަނީ ފިޔަވަޅު އަޅާފައިވެ އެވެ.