22 Mar 2015, 14:58
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމްގެ ހުލާސާ ރިޕޯޓް ދޫކޮށް، މަތީ މަރުހަލާގެ ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ނަޝީދަށް ކުރިމިނަލް ކޯޓުން ތަނަވަސްކޮށްދީފި އެވެ.
އެކޯޓުގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ކުރި ހުކުމުގެ ހުލާސާ ރިޕޯޓް ނަޝީދުގެ ގާނޫނީ ވަކީލުންނަށް ދޫކޮށްފައިވުމުން އެ މައްސަލަ އިސްތިއުނާފް ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
"ހަމައެކަނި ހުލާސާ ރިޕޯޓް ލިބުނަސް އިސްތިއުނާފް ކުރެވޭނެ، އެހެންވީމާ މިހާރު ކުރިމިނަލް ކޯޓުން އެވަނީ ނަޝިދުގެ ގާނޫނީ ވަކީލުންނަށް ނަޝީދުގެ މައްސަލާގެ ހުލާސާ ރިޕޯޓް ދޫކޮށްފައި، އެހެންވީމާ ނަޝީދުގެ މައްސަލަ އިސްތިއުނާފު ކުރުމަށް އެއްވެސް ހުރަހެއް ނެތް." އޮފިޝަލް ވިދާޅުވި އެވެ.
ނަޝީދުގެ މައްސަލާގެ ފުލް ރިޕޯޓް ނުލިބުމުން އިސްތިއުނާފް ކުރުމަށް ދަތިތައް ކުރިމަތިވާ ކަމަށް ބުނެ ނަޝިދުގެ ގާނޫނީ ޓީމްއިން ވަނީ އެކަން ފާހަގަކޮށްފައެވެ.
އޮފިޝަލް ވިދާޅުވީ ނަޝީދުގެ މައްސަލަ ނިމުނު ގޮތުގެ ފުލް ރިޕޯޓް ނުދެވިގެން އުޅެނީ ނަޝީދު އެކަމަށް އެއްބާރުލުން ނުދެއްވާތީ ކަމަށެވެ. އެގޮތުން ޝަރީއަތަށް ދީފައިވާ ބަޔާންތަކުގައި ސޮއިކުރުމަށް ތަކުރާރުކޮށް ދެންނެވުމުން "ކަނބުލޯ ތިކަމާ ނޫޅޭ" އެގޮތަށް ވިދާޅުވެ ބަޔާންތަކުގައި ސޮއިކުރެއްވުމަށް ނަޝީދު އިންކާރުކުރައްވާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ނަޝީދުގެ އިތުރުން އެ މައްސަލައަށް ބަޔާން ދީފައިވާ އެހެން މީހެއްގެ ބަޔާނުގައި ވެސް އަދި ސޮއިކުރެވިފައިނުވާ ކަމަށާއި އެކަން ނުވަނީ އޭނާ ރާއްޖެ އިން ބޭރުގައި އުޅޭތީ ކަމަށް ވިދާޅުވި އެވެ.
ކުރިމިނަލް ކޯޓުން އެހެން ބުނެފައިވާއިރު އެމްޑީޕީއަށް ތާއީދު ކުރާ ގިނަ ބަޔަކު މިއަދު ވަނީ ޝަރީއަތް ނިމުނު ކަމުގެ ރިޕޯޓް ދިނުމަށް އެދި ކުރިމިނަލް ކޯޓަށް ސިޓީއެއް ހުށައަޅާފަ އެވެ.
ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ، އެ މަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މި މަހު 13 ވަނަ ދުވަހު އެވެ.
ސުޕްރީމް ކޯޓުން މިދިޔަ ޖެނުއަރީ މަހު 27 ވަނަ ދުވަހު ނެރުނު ސާކިއުލާއެއްގައި ބުނީ ސުޕީރިއާ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުމެއް އިސްތިއުނާފުކުރަން ބޭނުން ނަމަ އެ މައްސަލައެއް ނިންމިތާ 10 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ނިންމި ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަށް އެ ސާކިއުލާގައި ބަޔާންކޮށްފައިވާ ފޯމް ފުރިހަމަކޮށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އަދި އެ ފޯމް ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭގައި އެ ކޯޓަކުން ނުވަތަ ޓްރައިބިއުނަލުން އެފޯމާއި އެ މައްސަލައިގައި ހިމެނޭ ލިޔެކިޔުންތައް ހައިކޯޓަށް ފޮނުވަން ޖެހޭނެ ކަމަށް ވެސް އެ ސާކިއުލާގައިވެ އެވެ.
މީގެ އިތުރުން ހައިކޯޓަށް އެ ލިޔުންތައް ލިބޭތާ ހަތް ދުވަހުގެ ތެރޭގައި އެކަން ކަމާ ބެހޭ ފަރާތަށް އެންގުމާއެކު އިތުރު ހުށަހެޅުމެއް ހުށަހެޅުމަކާ ނުލައި، އެ މައްސަލަ އިސްތިއުނާފުކޮށް ނިންމުމަށް ޓަކައި އިޖުރާއީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް، އަޅަންޖެހޭނެ ކަމަށް ވެސް އެ ސާކިއުލާގައިވެ އެވެ.