19 Feb 2011, 18:08
ނިޔުޔޯކް : އަލްޤާއިދާއާ ގުޅުންތައް ކަނޑާލުމަށް އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތަށް ގޮވާލައްވައިފިއެވެ.
ނިޔުޔޯކްގައި ހުންނަ އޭޝިޔާ ސޮަސައިޓީ ނަމަކަށްކިޔާ ރީސާޗް މަރުކަޒެއްގައި އިއްޔެ ދެއްވި ލެކްޗަރެއްގައި ހިލަރީ ވިދާޅުވީ އަފްޣާން ބިމުގައި އެމެރިކާ ބަލިކުރުމުގައި ތާލިބާން ޖަމާއަތް ނާކާމިޔާބުވެފައިވާ ކަމަށާއި އެހެންކަމުން އެޖަމާއަތަށް އެންމެ ރަނގަނޅުވާނީ އަލްޤާއިދާއާ ގުޅުންކަނޑާލައި ހަތިޔާރު ބެހެއްޓުމަށްފަހު އަފްޣާން ސަރުކާރާ ގުޅިގެން ޤައުމު އާރާސްތުކުރުމުގައި ބައިވެރިވުން ކަމުގައެވެ.
ހިލަރީ ވިދާޅުވީ ތާލިބާނުން ހެދި އެންމެ ބޮޑުގޯހަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އަލްޤާއިދާއަށް ޙިމާޔަތާއި ރައްކާތެރިކަން ދިނުން ކަމުގައެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ތާލިބާނުންނާއި އަލްޤާއިދާއާ ދެމެދު ވަރަށްބޮޑު ތަފާތުތަކެއް ހުރިކަމަށް ހިލަރީ އިޝާރާތް ކުރެއްވިއެވެ.
އެމެރިކާއާއި ތާލިބާނުންނަކީ ޢަސްކަރީ ބާރާއި ވަސީލަތްތަކާއި މުއްސަނދިކަމާއި ހަތިޔާރާއި ސައެންސާއި ޓެކްނޮލޮޖީފަދަ ހުރިހާ ކަމަކުން އުޑާއި ބިމާހާ ތަފާތު ދެބާރު ކަމަށް ވިޔަސް އަފްޣާން ބިމުގައި ތާލިބާނުން ބަލިކުރުމުގައި އެމެރިކާވެސް މުޅިން ނާކާމިޔާވެފައިކަމަށް މަސްރަޙްދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ހިލަރީ ވިދާޅުވީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމުގެ ކަންތައް މިއަހަރުގެ މެދެއްހާ ހިސާބު ފަށާނެ ކަމަށާއި 2014 ވަނަ އަހަރު ނިމުމުގެ ކުރިން އެެމެރިކާގެ ހުރިހާ ސިފައިން އަފްޣާނިސްތާނުން ބާލައި ނިންމަން ރާވާފައިވާނެ ކަމުގައެވެ.
އަފްޣާނިސްތާނުގައި ހަނގުރާމަކުރުމަށްޓަކައި އެމެރިކާގެ 78 ހާސް ސިފައިން މިހާރުވެސް ހަރަކާތްތެރިވަމުން ގެންދެއެވެ. އަފްޣާނިސްތާނުގައި އެމެރިކާއާއި ނޭޓޯ ގުޅިގެން ހަނގުރާމަކުރާތާ 9 އަހަރަށްވުރެ ދިގުމުއްދަތެއް ވެފައިވާއިރު އަލްޤާޢިދާގެ ވެރިޔާ އުސާމާ ބިންލާދިންވެސް އަދި ތާލިބާނުންގެ ވެރިޔާ މުއްލާ ޢުމަރުވެސް އަތުލައި ގަނެވިފައެއް ނުވެއެވެ. އަދި އަލްޤާއިދާގެ ހަނގުރާމަވެރިން އަފްޣާން ބިމުން ފައްސާލެވިފައެއްވެސް ނުވެއެވެ.
އެމެރިކާއިން އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ މަންދޫބު ރިޗަޑް ހޯލްބްރޫކް ދާދިފަހުން އަވަހާރަވެފައިވާތީ އޭނާގެ ބަދަލުގައި މާކް ގްރޮސްމެން ކިޔާބޭފުޅަކު އެމެރިކާގެ މަންދޫބެއްގެ ގޮތުގައި ވަރަށް ޙަރަކާތްތެރިވާނެ ކަމަށްވެސް ހިލަރީ ވިދާޅުވިއެވެ. -- ބީބީސީ، ނޫސްއެޖެންސީތައް