އެންޓި ޓެރަރިޒަމް އޮޕަރޭޝަންތަކެއް ހިންގުމަށް ހަރަކާތްތެރިވަމުންދާ އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަންސް ފޯސަސް (އެސްއޯއެފް)ގައި ހިމެނޭ 100 ވަރަކަށް ސިފައިން ޔަމަނުން ބާލުވާފައިވާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހޮނިހިރު ދުވަހު ބުނެފި އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނީ، އެމެރިކާގެ އެސްއޯއެފް ސިފައިން ޔަމަނުން ފޭބީ އެގައުމުގައި ސަލާމަތީ ކަންކަން އިތުރަށް ގޯސްވެފައި ވާތީ ކަމަށެވެ.

އެމެރިކާ ސިފައިން ޔަމަނުން ބާލުވާފައި މިވަނީ، އެގައުމުގައި ހަނގުރާމަކުރަމުންދާ އިސްލާމިކް ސްޓޭޓް އޮފް އިރާގު އެންޑް ސީރިއާ (އައިއެސްއައިއެސް)ގެ ހަނގުރާމަވެރީން ވެރިރަށް ސާނާގައި ދިން ސިލްސިލާ ހަމަލާތަކެއްގައި 140 އަށް ވުރެ ގިނަ މީހުން މަރާލި ހާދިސާއަށް ފަހު އެވެ.

ޔަމަނުގައި ހިނގަމުންދާ ހަމަނުޖެހުންތަށް އިތުރަށް ގޯސްވަމުންދާތީ، އެގައުމުގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީ ވަނީ، ބައިނަލްއަގްވާމީ ފަރާތްތަކުން ވީއެންމެ އަވަހަކަށް އެގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައްވައިފަ އެވެ.

ޔަމަނުގެ ހަމަނުޖެހުންތަށް އިތުރަށް ގޯސްވެފައިވާތީ އާއި އެމެރިކާ ސިފައިން އެގަމުން ފޭބުމާ ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ ވަނީ އެކަމާގުޅޭ މަޝްވަރާތަކެއް ބޭއްވުމަށް މިއަދު ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައި ވަނީ، އެގައުމުގެ ސްޕެޝަލް އޮޕަރޭޝަންސް ފޯސަސް ޔަމަނުން ބޭލުވި ނަމަވެސް، ސަލާމަތީ މަޖިލީހުގައި ހިމެނޭ ފަރާތްތަކަށް އެގައުމުން އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ޔަމަނުގެ ރައީސް ހާދީއާ ދެކޮޅަށް ހަނގުރާމަކުރަމުންއަންނަ ހޫތީން، އެގައުމުގައި ހަމަނުޖެހުން އުފެއްދުން ހުއްޓާލުމަށް ވެސް އެމެރިކާއިން ވަނީ ގޮވާލައިފަ އެވެ.

ހޫތީ ހަނގުރާމަވެރީން ވެރިރަށް ސާނާ އެމީހުންގެ ބާރުގެދަށަށް ގެނެސް، ރިޔާސީ ގަނޑުވަރު ހިސޯރުކުރުމަށް ފަހު، ހާދީ ގޭބަންދުގައި ބަހައްޓާފައި ވަނިކޮށް އެމަނިކުފާނު ވަނީ، އެތަނުން ސަލާމަތްވެވަޑައިގެން ޔަމަނުގެ ދެކުނުގައިވާ ސިޓީއެއް ކަމަށްވާ އަދަނަށް ވަޑައިގެންފަ އެވެ.

ހުކުރު ދުވަހު ސާނާގެ ދެ މިސްކިތެއްގައި މީހުން ހުކުރު ނަމާދަށް ތިއްބައި ބަޔަކު ޖާނުން ފިދާވެގެން ދިން ހަމަލާތަކުގައި 140 އަށް ވުރެ ގިނަ މީހުން މަރާލާފައިވާ އިރު، އެ ހަމަލާތަކުގައި 260 ވަރަކަށް މީހުން ޒަޚަމްވެފައިވާ ކަމަށްވެ އެވެ. އަދި ޔަމަނުގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރީން ވަނީ އެ ހަމަލާތަކުގެ ޒިންމާ ނަގައިފަ އެވެ. (އޭޕީ، ރޮއިޓާސް)