22 Mar 2015, 13:15
އައްސޭރި ޖަލާއި ހުޅުމާލެ ޑިޓެންޝަން ސެންޓަރު ގުޅިގެން ކުރިއަށް ގެންދާ އައްސޭރި ޕްރިޒަން ކަޕް 2015ގައި، ހުޅުމާލެ ޑިޓެންޝަން ސެންޓާ (އެޗްޑިސީ) އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް އެއްވަރު ވެއްޖެ އެވެ.
މުޅިއަކު ފަސް ޓީމް ބައިވެރިވެގެން ލީގު އުސޫލުން ކުރިއަށް ގެންދާ އެ މުބާރާތުގައި އިއްޔެ އެޗްޑީސީ ވާދަކޮށްފައި ވަނީ އަޗާ އާ ދެކޮޅަށެވެ. އެ މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދިޔަ ނަމަވެސް، ދެ ޓީމަށް ވެސް ވަނީ ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ އަހުމަދު ޝަރީފު އެވެ.
އެ މުބާރާތުގައި ހުކުރު ދުވަހު މެޗެއް ކުޅެފައި ނުވާ އިރު، ބުރާސްފަތި ދުވަހު ކުޅުނު މެޗުގައި އެޗްޑީސީއާ ވާދަކޮށްފައި ވަނީ އެފްސީ ޔުނިޓީ އެވެ. އެ މެޗުގެ ފުރަތަމަ ހާފްގައި އެޗްޑީސީގެ މުހައްމަދު މައުރޫފް ކާމިޔާބު ކުރި ލަނޑާ އެކު އެ ޓީމް ލީޑު ނެގި ނަމަވެސް، ދެވަނަ ހާފްގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، މޫސާ ހަސަން ވަނީ ޔުނިޓީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ ޔުނިޓީގެ މޫސާ ހަސަން އެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އެންއެކްސް އަތުން ބަލިވެ، ދެން ކުޅުނު ދެ މެޗުން އެއްވަރު ވުމުން އެޗްޑިސީއަށް މިހާރު މުބާރާތުގައި ލިބިފައި ވަނީ ދެ ޕޮއިންޓެވެ. އަދި ދެ މެޗު ކުޅެ ދެ މެޗުން ވެސް އެވަރުވި އެފްސީ ޔުނިޓީއަށް ވެސް ދެ ޕޮއިންޓް ލިބިފައިވާ އިރު، ތިން މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވި އާޗާއަށް ވެސް ލިބިފައި ވަނީ ދެ ޕޮއިންޓެވެ.
އައްސޭރި ޕްރިޒަން ކަޕްގެ ތާވަލްގެ އެންމެ ކުރީގައި މިހާރު އުޅޭ ދެ ޓީމަކީ އެންއެކްސް އާއި އެފްސީ ތުނޑި އެވެ. އެ ދެ ޓީމް ވެސް އަދި މިހާތަނަށް މުބާރާތުގައި އެންމެ މެޗެއް ކުޅެފައިޥާ އިރު، ދެ ޓީމް ވެސް ވަނީ މެޗުތައް ކާމިޔާބުކޮށް، މުޅިއަކު މިހާތަނަށް ތިން ޕޮއިންޓް ހޯދާފަ އެވެ.
މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ މުބާރާތުގައި މިއަދު ވެސް މެޗެއް ކުޅެން ހަމަޖެހިފައިވާ އިރު، މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ތާވަލްގެ އެންމެ ކުރީގައި އުޅޭ އެންއެކްސް އާއި އެފްސީ ތުނޑި އެވެ.