22 Mar 2015, 13:10
ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް އެކަކުން ޕޮލިސް ކްލަބް ސެމީފައިނަލަށް ދަތުރު ކުރި އިރު، ގްރޫޕް ދޭކުން އަމިކާ ސްޕޯޓްސް ކްލަބާއި ސްޕޯޓްސް ކްލަބް ގުޑީސް ސެމީގެ ޖާގަ ކަށަވަރު ކޮށްފި އެވެ.
އެންމެ ފަހުގެ ޗެންޕިއަން ޕޮލިސް ކްލަބް މުބާރާތުގެ ސެމީން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި އެ ޓީމް ކުޅުނު ފުރަތަމަ ދެ މެޗު ވެސް ކާމިޔާބު ކޮށްގެނެވެ. އެގޮތުން، ރޭ ކުޅުނު ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި އެ ޓީމް ބައްދަލުކުރީ ސްޕޯޓްސް ކްލަބް ހޯކްސްއާ އެވެ. އެ މެޗު ޕޮލިސް ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިހުގެ އައިޝަތު ޝައްފަ އެވެ.
ޕޮލިސް ކްލަބްގެ އިތުރުން، ގްރޫޕް ދޭކުން އަމިކާ އާއި ގުޑީސްވެސް މުބާރާތުގެ ސެމީން ޖާގަ ހޯދީ މުބާރާތުގައި އެޓީމުތައް ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބު ކޮށްގެނެވެ. އިއްޔެ ހަވީރު ގުޑީސް ކުޅުނު އެ ޓީމްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗު ކާމިޔާބު ކުރީ ޔުނައިޓެޑް ސްޕޯޓްސް ކްލަބާ ވާދަކޮށް، ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގުޑީސްގެ އައިމިނަތު އަރީޝާ އެވެ.
ގްރޫޕް ދެއަކުން އިއްޔެ ރޭ އަމިކާ ސްޕޯޓްސް ކްލަބް އެ ޓީމްގެ ދެވަނަ ކާމިޔާބީ ހޯދީ ތުލުސްދޫ ޒުވާނުންގެ ރޫހާ ދެކޮޅަށް ޥާދަކޮށް، ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަމިކާ ސްޕޯޓްސް ކްލަބްގެ ސިލްމާ ޒާހިރު އެވެ.
ވީއޭއެމް ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތައް މިއަދު ކުޅެން ހަމަޖެހިފައިވާ އިރު، މިއަދު ހަވީރު ކުޅޭ ގްރޫޕް އެކެއްގެ މެޗުގައި ބައްދަލުކުރާނީ ޕޮލިހާއި މުލަކު ރެކްރިއޭޝަން ކްލަބެވެ. އެ މެޗު ޕޮލިސް ކާމިޔާބުކޮށްފި ނަމަ އެ ޓީމް ސެމީއަށް ދަތުރުކުރާނީ ގްރޫޕް އެކެއްގެ އެއް ވަނަ ޓީމެއްގެ ގޮތުގަ އެވެ.
މުބާރާތުގެ ގްރޫޕް ދޭކުން ދެ ޓީމަށް މިހާރު ސެމީގެ ދެ ޖާގަވެސް ކަށަވަރު ވެފައިވާ އިރު، ގްރޫޕް އެކަކުން ސެމީގެ ޖާގަ ލިބެން އޮތް ދެ ޓީމަކީ މުލަކު ރެކްރިއޭޝަން ކްލަބަށާއި ކްލަބް ތްރީ ސްޓާ އަށެވެ. އެ ދެ ޓީމް ވެސް ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބު ކޮށްފަ އެވެ.