ކޯޓުތަކާ ބެހޭ ގާނޫނުގައި އިސްތިއުނާފު ކުރުމަށް ކަނޑައަޅާފައި އޮތް މުއްދަތަށް ސުޕްރީމް ކޯޓުން ގެނައި ބަދަލަކީ "ކަނޑައެޅިގެން" ގާނޫނު އަސާސީއާ ހިލާފަށް ގެނައި ބަދަލެއް ކަމަށް ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން މިއަދު ހެނދުނު ހޮޓެލް ޖެންގައި ފެށި "ޕާލިމަންޓްރީ ބެސްޓް ޕްރެކްޓިސެސް ސިމްޕޯޒިއަމްގައި" ވާހަކަފުޅު ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ކޯޓުތަކަކީ ގާނޫނު މާނަ ކުރުމަށް އޮންނަ ތަނެއް ކަމަށެވެ. އަލީ ހުސައިން ވިދާޅުވީ ކޯޓުތަކަކީ އެއްވެސް އިރެއްގައި ގާނޫނު ހަދަން އޮންނަ ތަނެއް ނޫން ކަމަށެވެ.

"ކޯޓުތަކުން ގާނޫނު ހަދަން ފަށައިފި ކަމަށްވާ ނަމަ އޭގެ މާނައަކީ ތިންބާރުގެ ތެރެއިން އެއް ބާރުގެ މަސައްކަތަށް އަރައިގަނެވެނީއޭ. އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ އެއްފަހަރަކު ނޫން، ތަކުރާރުކޮށް އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ދިވެހި ރާއްޖޭގައި ހުރި ބައެއް ކޯޓުތަކުން ހާއްސަކޮށް ސުޕްރީމް ކޯޓުން ގާނޫނު ހައްދަވަމުން ގެންދަވާތަން. އަދި ސުޕްރީމް ކޯޓުގެ އިސްނެންގެވުމުގެ މަތީން ބައެއް ގާނޫނުތައް އުވާލެވެމުން ދާތަން. މިއީ އަޅުގަނޑުމެންނަށް ދެބަސްވެވެން ނެތް ހަގީގަތެއް،" އަލީ ހުސައިން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ބައެއް ގާނޫނުތައް އުވާލުމުން ރައްޔިތުންގެ މަޖިލީހަށް އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށް އަލީ ހުސައިން ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އެއްބާރުން ގާނޫނު އަސާސީއާ ހިލާފަށް ކަމެއް ކުރުމުން އެކަން ހަމަ މަގަށް އެޅުވުމަކީ ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި އެފަދަ ކަމެއް ރައްޔިތުންގެ މަޖިލީހުން ކޮށްފި ނަމަ ރައްޔިތުންގެ މަޖިލިސް ހަމަ މަގަށް އެޅުވުމަކީ ރައްޔިތުންނާއި މަދަނީ ޖަމިއްޔާތަކުގެ މަސްއޫލިއްޔަތެއް ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް ތެރޭގައި މިހާރު ފެންނަމުންދާ މަންޒަރުތަކަކީ "ހަމަ އިތުރު އެހެން ގޮތެއް ނެތިގެންވާ" ހިނގާކަންކަން ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

"އެހެންނަމަވެސް އެގައުމުގެ ހާލަތަށް ބަލާ އިރު ގައުމުގެ ހާލަތަށް ރިއާޔަތް ކުރާއިރުގައި އެ ނޫން ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ ތިއްބެވި އިދިކޮޅު ފަރާތްތަކަކަށް އެބޭފުޅުންގެ އަޑު އިއްވޭނެ ގޮތެއް ނެތް. އެއީ މިއަދު އަޅުގަނޑުމެން ހިތާމަކުރާ ކަމެއް. އެއީ ކޮންމެހެން އަޅުގަނޑު އުފާވާނެ ކަމެއް ނޫން. އެހެންނަމަވެސް އެ ނޫން ގޮތެއް ނެތިގެން އެކަން ކުރެވެމުން އެ ދަނީ،" އަލީ ހުސައިން ވިދާޅުވި އެވެ.

މިއަދު ފެށި ސިމްޕޯޒިއަމް އަކީ އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ ސިމްޕޯޒިއަމް އެކެވެ. އަދި މި ސިމްޕޯޒިއަމްގައި ރާއްޖޭގައި ހިންގާ ސިޔާސީ ފަސް ޕާޓީއަކާއި ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން މަދަނީ ޖަމިއްޔާތަކުން ވެސް ބައިވެރިވެ އެވެ.