22 Mar 2015, 12:56
ދިވެހި ދައުލަތަކީ ތިންބާރު އެކުލެވިފައިވާ ނިޒާމެއް ކަމަށާއި އެހެންނަމަވެސް މި ތިންބާރުގެ ތެރެއިން ރައްޔިތުންގެ އެންމެ އިތުބާރު ކުޑަ ތަނަކީ ރާއްޖޭގެ ގާނޫނު ހަދާ މަޖިލިސް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން މިއަދު ހޮޓެލް ޖެންގައި ފެށި "ޕާލިމަންޓްރީ ބެސްޓް ޕްރެކްޓިސެސް ސިމްޕޯޒިއަމްގައި" ވާހަކަފުޅު ދައްކަވަމުން އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު މަރިޔަމް ޝިއުނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހާ ދޭތެރޭ ރައްޔިތުން އެގޮތަށް ދެކޭ ނަމަ އެއީ ޑިމޮކްރަސީ އަށް ވެސް ލިބިގެންދާ ވަރަށް އުނި ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް މިކިއަނީ މިއީ ޅަފަތުގެ ޑިމޮކްރަސީއެކޭ. ދެހާސް އަށް ވަނަ އަހަރުން ފަށައިގެން ރާއްޖެ އަށް ޑިމޮކްރެޓިކް ޓްރާންސިޝަން އައި ފަހުން އަދިވެސް އަޅުގަނޑުމެން މިއުޅެނީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރަން. ހަރުދަނާ ކުރަން މަސައްކަތް ކުރާ އިރު އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ސުވާލު އުފައްދަން ޖެހޭ ކަމެއް ކަންނޭނގެ ރައްޔިތުން އެހެން ދެކެނީ ކީއްވެގެން ކަމެއް،" ޝިއުނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ހިއްސާ ވަރަށް ބޮޑު ތަނެއް ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ޝިއުނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ހިއްސާ ބޮޑު ތަނަކަށް ވަނީ އެއީ ރައްޔިތުން ވޯޓު ދީގެން ހޮވާފައި ތިބޭ ބަޔަކަށް ވާތީ ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ އިތުބާރު ރައްޔިތުންގެ މަޖިލީހަށް ކުޑަވެގެންދާ އިރު އެ އިތުބާރު އިއާދަ ކުރުމަށް ޓަކައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަރަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ މިހާރު ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ ކަންކަމަކީ އެއީ ވަރަށް ފޮރުވިގެން ކުރެވިގެންދާ ކަންތަކެއް ކަންނޭނގޭ. އަޅުގަނޑުމެން އުއްމީދު ކުރަނީ މިހާރަށް ވުރެ ތަންކޮޅެއް ޓްރާންސްޕޭރެންޓްކޮށް މަޖިލީހުން ކަންތައްތައް ކުރާނެ ކަމަށް. ޓީއެމްގެ ވަރަށް ބޮޑު ފޯކަސްއެއް އެއީ މާލީ ބަޔާން ނުވަތަ އެސެޓް ޑިކްލަރޭޝަން. އެކަމަކު މިހާރު އަޅުގަނޑުމެންނަށް އިނގޭ ގޮތުން ޕާލިމަންޓްގެ ސެކެޓްރީ ޖެނެރަލަށް މާލީ ބަޔާން ހުށަހަޅަން ޖެހޭ. އެކަމަކު ހުށަހަޅާ ކަމެއް ވެސް ނޭނގޭ." ޝިއުނާ ވިދާޅުވި އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ މިއަދު ފެށި ސިމްޕޯޒިއަމް ކުރިއަށް ދާނީ އެއް ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މި ސިމްޕޯޒިއަމްގައި ސިޔާސީ ފަސް ޕާޓީ އާއި ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.