އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އަމިއްލަ ކުންފުންޏެއްގެ އޮފީހެއްގެ ތިޖޫރީ ފަޅާލައިގެން 40،000 ޑޮލަރު (616،800 ރުފިޔާ) ވަގަށް ނަގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އޯޝަން ޓްރެވެލްސް އޮފީސް ފަޅާލައި 40،000 ޑޮލަރު ވަގަން ނަގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކަމަށެވެ.

ފުލުހުން ބުނީ ހަމަ އެރޭ އެސްޓީއޯ ސުޕަމާޓްގެ އޮފީސް ފަޅާލައިގެން ވައްކަން ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެތަނުން ވަގަށް ނަގާފައި ވަނީ ކޮންއެއްޗެއް ކަމެއް ފުލުހުން ނުބުނެ އެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެސްޓީއޯ ސުޕަމާޓް އޮފީސް ފަޅާލައިގެން ވަގަށް ނަގާފައި ވަނީ އައިޕެޑެކެވެ.

އެ ދެ ވައްކަމާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް އަދި ހައްޔަރު ކޮށްފައެއްނުވެ އެވެ.