22 Mar 2015, 11:25
އަދާލަތު ޕާޓީން ސަރުކާރާ އެކު މަސައްކަތް ނުކުރުމަށް ނިންމި ނިންމުމަށް އިހުތިރާމުކޮށް އަދާލަތު ޕާޓީގެ މެންބަރު އަދި ޖެންޑާ މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ސިދާތާ ޝަރީފް އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އަދާލަތު ޕާޓީގައި މިއަދު ބޭއްވި ނޫސްވެރިންގެ ހާއްސަ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޝިދާތާ ވިދާޅުވީ މިއަދު އެމަގާމުން އިސްތިއުފާ ދެއްވީ ސަރުކާރު މިހާރު ދާ މިސްރާބުގެ ސަބަބުން ސަރުކާރުގެ ސިޔާސަތު ދިފާއު ކުރެވެން ނެތީމަ ކަމަށެވެ.
"އަޅުގަނޑު، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާގެ މިނިސްޓަރުގެ ނައިބުގެ މަގާމުން ދާދި ދެންމެއަކު އިސްތިއުފާ ދީފިން. މިފަދަ ބޮޑު ނިންމުމެއް ނިންމަން ޖެހުނީ މިއަދު ސަރުކާރު މިދާ މިސްރާބު ސަރުކާރުގެ ސިޔާސަތު ދިފާއު ކުރަން އަޅުގަނޑަށް ތެދުވެވެން ނެތީމަ،" އޭނާ ވިދާޅުވި އެވެ.
ޝިދާތާ ވިދާޅުވީ އަދާލަތު ޕާޓީ އިން ވަނީ ސަރުކާރުގައި މައްސަލަތައް ހުރިކަން ފާހަގަކޮށް ސަރުކާރާ ދެކޮޅަށް އެކަންތައް އިސްލާހު ކުރުމަށް މަސައްކަތްތައް ފައްޓަވާފައިވާ ކަމަށެވެ.
އަދާލަތުގެ އިސް މަގާމެއްގައި ހުންނެވި ފަރާތެއްގެ ސަބަބުން އޭނާގެ ޒަމީރު ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ތަން ނުދެއްވާ ކަމަށް ޝިދާތާ ވިދާޅުވި އެވެ. އަދި މިނިސްޓްރީގެ މަގާމުން ވަކިވީ އަދާލަތު ޕާޓީގެ ނިންމުމަށް ބާރު ދެއްވުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރު އިސްލާހު ކުރުމުގައި ކުރާ މަސައްކަތްތަކުގައި އިސް ރޯލެއް އަދާ ކުރައްވާނެ ކަމަށާއި މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދިނުމުގައި މިނިސްޓްރީ އަށް ހުށަހެޅި މައްސަލަތަކަކާ އެއްވެސް ގުޅުމެއް ނުވާ ކަމަށް ޝިދާތާ ވިދާޅުވި އެވެ.